ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީ.ސީ.ސީގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކަކީ ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމަށް އެ ކުންފުނިން ހިންގާ ފިހާރަތަކެކެވެ. އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބީ.ސީ.ސީއިން ހުޅުވި އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކާއެކު މީގެކުރިން އުފެއްދުންތައް މާކެޓް ނުކުރެވި ތިބި ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތު ވަނީ ފަހިވެގެން ގޮސްފައެވެ.
އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް އެންމެ ފުރަތަމަ ހުޅުވީ 2020 ވަނަ އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ފްރީގައެވެ. މިހާރު މި ފިހާރަ ހިމަނައިގެން އޮތެންޓިކް މޯލްޑިވްސްގެ 4 ފިހަރައެއް އެބަހުއްޓެވެ. އެއީ ކުޑަވިލިނގިލި ރިސޯޓްގައި ހުޅުވާފައިވާ ފިހާރައާއި، ކްރޮސްރޯޑްގައި ހުރި ފިހާރައިގެ އިތުރުން މާލޭގައި ހުޅުވާފައިވާ ފިހާރައެވެ. ބީސީސީއިން މިހާރު އަންނަނީ ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވުމަށް ތައްޔާރުވަމުންނެވެ. މިތަން ވަރަށް އަވަހަށް ހުޅުވިގެންދާނެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީސީސީގެ ހެޑް އޮފް އައުޓްރީޗް އިބްރާހިމް ޒިޔާއު ވިދާޅުވީ، ބީސީސީއިން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވުންކަމަށެވެ. އެގޮތުން މާފަރާއި ތޮއްޑޫގައިވެސް އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
"އެންމެ އަވަހަށް ހުޅުވިގެން މިދަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަޅުގަނޑުމެން ހުޅުވާ އައުޓްލެޓް. އެއަށްފަހު މާފަރާއި ތޮއްޑޫގައިވެސް އައުޓްލެޓެއް ޤާއިމްކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. އަޅުގަނޑުމެންގެ ވަރަށް ބޮޑު ޓާގެޓެއް އިނގޭތޯ ރާއްޖޭގެ ރިސޯޓްތަކަކީވެސް. މިހާރު ކުޑަވިލިނގިލީގައި އައުޓްލެޓް މިހުރީ. އެހެންނަމަވެސް މިއަހަރުގެ ތެރޭގައި އިތުރު ރިސޯޓްތަކެއްގައި އައުޓްލެޓް ހުޅުވޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން" ޒިޔާއު ވިދާޅުވިއެވެ.
ބީސީސީގެ ޗީފް ކޮމާޝަލް އޮފިސަރ ސާމިހް އާދަމް ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސް ވުޖޫދުވެގެން މިހާތަނަށް 4 ވަރަކަށް އަހަރު ވުމާއި ގާތްވެފައިވާއިރު މިއީ ވަރަށް ކާމިޔާބު ޕްރޮޖެކްޓެއްކަމަށެވެ. މި ޕްރޮޖެކްޓްގެ ކާމިޔާބީ ހާމަވެގެންދަނީ އެންމެ ފުރަތަމަ ޕާޓްޓައިމްކޮށް ފަށައިގެން އައި ވިޔަފާރިތައް ފުޅާވެ މިއަދު ފުލްޓައިމްކޮށް މި މަސައްކަތް ކުރުންކަން އޭނާ ފާހަގަކުރެއްވިއެވެ.
"ފުރަތަމަ ފެށްޓިއިރު 57 ސަޕްލަޔަރުން އެކަމަކު މިއަދު 260 އަށްވުރެ ގިނަ ސަޕްލަޔަރުން އަޅުގަނޑުމެންނާއިއެކު އެބަތިބި. ފާއިތުވެދިޔަ މުއްދަތުގެ ތެރޭގައި 48 މިލިއަނަށްވުރެ ގިނަ ރުފިޔާ މިވަނީ ޑިސްޕާސްކުރެވިފައި" ސާމިހް ވިދާޅުވިއެވެ.
އޮތެންޓިކް މޯލްޑިވްސްގައި ތަކެތި ވިއްކާ ވިޔަފާރިތަކަށް ބީސީސީއިން އަންނަނީ ފަހި ފުރުޞަތުތަކެއް ހޯދައިދެމުންނެވެ. އެގޮތުން ޖަޕާނުގެ 2 ސަރަޙައްދެއްގައި އެ އުފެއްދުންތައް ވިއްކުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ. އަދި އޮތެންޓިކް މޯލްޑިވްސްގައި ތަކެތި ވިއްކާ ފަރާތްތަކަށް ވަނީ ދުބާއީގައި އުފެއްދުންތައް ވިއްކުމުގެ ފުރުޞަތުވެސް ލިބިގެންގޮސްފައެވެ.
އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތަކަކީ މިއަދު ރާއްޖެ އަންނަ ފަތުރުވެރިންގެ އިތުރުން ދިވެހިންގެ މެދުގައިވެސް ޑިމާންޑް ބޮޑު އުފެއްދުންތަކެކެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންވެސް އޮތެންޓިކްގެ އުފެއްދުންތައް ގަންނައިރު އޮންލައިންކޮށްވެސް އޯޑަރ ކުރާކަމަށް ބީސީސީއިން ވިދާޅުވެއެވެ.