މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ އީޓުކުރި މޯބައިލް އެޕްލިކޭޝަން ލޯންޗްކޮށްފިއެވެ. މި އެޕްލިކޭޝަން ލޯންޗްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ.
މުޅި ދުނިޔޭގައިވެސް އޮންލައިން ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވަމުން އަންނައިރު ރާއްޖޭގައިވެސް އޮންލައިން ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. މޯލްޑިވްސް ޕޯސްޓް ލިމިޑެޓްއިން ޚިދުމަތް ދެމުން އަންނަތާ މިހާރު ވަނީ 116 އަހަރު ވެފައެވެ.
އީޓުކުރި މޯބައިލް އެޕްލިކޭޝަން ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވީ، މުޅި ދުނިޔޭގައިވެސް ޕޯސްޓްގެ ޚިދުމަތް ފުޅާވަމުން އަންނައިރު މި ދާއިރާއިން ރާއްޖެވެސް ކާމިޔާބީތަކެއް ހޯދަމުން އަންނަކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް ދިވެހި ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް މޯލްޑިވްސް ޕޯސްޓް ލިމިޑެޓުން ދެމިތިބޭނެކަމަށެވެ.
"މިވަގުތު އަޅުގަނޑުމެން އީއެމްއެސްގައި ދުނިޔޭގައި އެންމެ ކުރިއަރާފައި އޮތް 6 ޤައުމުގެ ތެރޭގައި 172 ޤައުމާއި ވާދަކޮށް އަޅުގަނޑުމެން ގޯލްޑް މެޑަލް ހޯދާފައި މިއޮތީ. އިރާދަކުރެއްވިއްޔާ އެ ހިދުމަތުގައި އެ ލެވެލްގައި އަޅުގަނޑުމެން ދެމިތިބޭނަން. އަދި މި ދާއިރާ ކުރިއަރުވައި ދިވެހި ރައްޔިތުންނަށް ތަފާތު ހިދުމަތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެނެސްދޭނަން" އާދަމް މުހައްމަދު ވިދާޅުވިއެވެ.
އީޓުކުރި މޯބައިލް އެޕްލިކޭޝަން ލޯންޗްކުރިއިރު މި އެޕްގައި އެންމެ ޙާއްސަ ފީޗަރއެއްގެ ގޮތުގައި ހިމަނާފައިވަނީ ކޮމިއުނިޓީ އޮންލައިން ޝޮޕްއެވެ. މިއީ ކޮންމެ ރަށަކަށް ޙާއްސަ އޮންލައިން ފިހާރަ ކޮންސެޕްޓެއްގައި އެރަށެއްގެ އުފެއްދުންތެރިންގެ އުފެއްދުންތައް ގަނެ ވިއްކުމުގެ ފުރުޞަތު ލިބިގެންދާ ރަށު އޮންލައިން ފިހާރައެކެވެ. ޕޯސްޓުން ބުނީ އީޓުކުރީގެ ބޭނުމަކީ ރަށްރަށުގައި ވިޔަފާރިކުރާ ފަރާތްތަކަށް މި އޮންލައިން ޕްލެޓްފޯމްގައި ބައިވެރިވުމަށް ބާރުއަޅައި އެ މީހުންގެ އުފެއްދުންތައް މުޅި ރާއްޖެއަށް މާކެޓް ކުރުމާއި، ވިއްކާ މުދާ ޕޯސްޓް މެދުވެރިކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ޑެލިވަރ ކޮށްދިނުންކަމަށެވެ.
ގޭގައި ތިބެގެން ތަފާތު އުފެއްދުންތައް ތައްޔާރުކުރަ ފަރާތްތަކުގެ އުފެއްދުންތަކުގެ ފޮޓޯ ނަގައިދީ އީޓުކުރި ރަށު ފިހާރައިގައި އެތަކެތި ހިމަނައިދިނުމުގެ ޚިދުމަތްވެސް ދޭނެއެވެ. މީގެއިތުރުން ޕްރީ އޯޑަރ ކޮށްގެން ތައްޔާރުކުރާ ތަކެތި ވިއްކުމުގެ ފުރުޞަތުވެސް އީޓުކުރި މޯބައިލް އެޕްލިކޭޝަނުން ލިބޭނެއެވެ.
އީޓުކުރި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތައް ޑެލިވަރކޮށްދިނުމުގެ ޚިދުމަތްވެސް ލިބޭނެއެވެ. މިއީ ރާއްޖެ އަދި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މުދާ ވިއްކައި އަދި ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދެވޭނެގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެއްކަމަށް ޕޯސްޓުން ބުނެއެވެ.