ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިންގ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން 200 އަށްވުރެ ގިނަ ކުދިންނަށް ސްކޯލަރޝިޕްގެ ލިޔުން ޙަވާލުކޮށްފިއެވެ.
ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިންގ ސްކޮލަރޝިޕް ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ އެކައުންޓެންޓުންގެ ގޮތުގައި ދިވެހިން ތަމްރީނުކޮށް، ރާއްޖެއަށް ބޭނުންވާ ޕްރޮފެޝަނަލް އެކައުންޓެންޓުން އުފެއްދުންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިދާއިރާގައި ޙަރަކާތްތެރިވާ ބިދޭސީންގެ ޢަދަދު މަދުކުރުމަކީވެސް މީގެ އެއް ބޭނުމެވެ.
މިމަޝްރޫޢުގެ ދަށުން މިއަހަރު ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، 211 ދަރިވަރަކަށް ސްކޮލަރޝިޕްދީ އެކަމުގެ ލިޔުން ވަނީ ހަވަލުކޮށްފައެވެ. މިއަހަރު ދޫކޮށްފައިވާ ސްކޯލަރޝިޕްތަކުގެ ތެރޭގައި، ޕަބްލިކް ކެޓެގަރީން 50 ފަރާތަކާއި އޯޕަން ކެޓެގަރީން 161 ފަރާތަކަށްވަނީ ސްކޯލަރޝިޕްދީފައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސްކޯލަރޝިޕް ލިބުނު ފަރާތްތަކާއި ލިޔުން ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަންއެވެ.
ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިޔަށް ގެންދާ މިސްކޮލަރޝިޕް ސްކީމް ހުޅުވާލެވުނީ ACCA ސްކިލްސް އަދި ޕްރޮފެޝަނަލް ލެވެލް، CIMA މެނޭޖްމަންޓް އަދި ސްޓްރެޓީޖިކް ލެވެލްއިން އެކައުންޓެންޓުން ތަމްރީނުކުރުމަށްކަމަށް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ. ސްކޮލަރޝިޕް ލިބޭ ފަރާތްތަކުން ކިޔަވައި ނިމުމުން މަދުވެގެން 2 އަހަރުގެ މުއްދަތަށް ރާއްޖޭގައި ޚިދުމަތްކުރުމަށް މިސްކޯލަރޝިޕް ޕްރޮގްރާމްގެ ދަށުންވަނީ ޝަރުޠުކޮށްފައެވެ.
ސްކޯލަރޝިޕް ފުރުސަތަށް މިއަހަރު ހުޅުވާލުމުން 320އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާކަމަށް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ. މިދިޔަ އަހަރު ހުޅުވާލިފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 173 ފަރާތަކަށްވަނީ ފުރުސަތުދީފައެވެ.
ސްކޯލަރޝިޕް ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލް އަދި އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ރައީސް ޙުސައިން ނިޔާޒީ އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސްވެރިންނާއި އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިސް މެންބަރުންނާއި ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.