ޚަބަރު

ޑިޖިޓަލް ހެލްތު ހަރުދަނާކުރުމަށް އިންޑިއާއާއެކު މަޝްވަރާކޮށްފި


  • މިއީ ޖޮއިންޓް ވޯކިންގ ގްރޫޕްގެ ދެވަނަ ބައްދަލުވުން

  • ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް މަޝްވަރާކުރެއްވި

  • ޢާއްމު ޞިއްޙަތު ކުރިއެރުވުމުގައި ފަންނީ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެއްވި

ޑިޖިޓަލް ހެލްތު ރާއްޖޭގައި ހަރުދަނާ ކުރުމަށް ރާއްޖެއާއި އިންޑިއާ އާއި ދެމެދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ޞިއްޙީދާއިރާ ކުރިއެރުވުމަށް އެކުލަވާލާފައިވާ ޖޮއިންޓް ވޯކިންގ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމުގައި އިންޑިއާގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުންނާއި، ޢާއްމު ޞިއްޙަތު ކުރިއެރުވުމުގައި ފަންނީ އެހީތެރިކަން ހޯދުމާއި ޑިޖިޓަލް ހެލްތު ރާއްޖޭގައި ހަރުދަނާ ކުރުމުގެ އިތުރުން މެޑިކަލް ވެލިއު ޓްރެވަލް އަދި އިންޑިއާގެ ކޮލިޓީ ރެގިއުލޭޓަރީ ކައުންސިލްއާއި ގުޅިގެން ބޭސް ޓެސްޓު ކުރުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާތައްވަނީ ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގެ ފަރާތުން މި ވޯކިންގ ގްރޫޕްގައި އިސް ބޭފުޅެއްގެގޮތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކެޓްރީ އައިޝަތު ސާމިޔާއެވެ. އިންޑިއާގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރގެ އެޑިޝަނަލް ސެކެޓްރީ، ލަވް އަގަރްވާލްއެވެ.

މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ އަދި އިންޑިއާގެ ހެލްތު މިނިސްޓްރީގެ އިސްބޭފުޅުންގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ބޭފުޅުން، އާސަންދަ ޕްރައިވެޓް ލިމިޓެޑް އަދި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ބައިވެރިވިއެވެ.

ޖޮއިންޓް ވޯކިންގ ކޮމެޓީގެ ބައްދަލުވުމުގައި އިންޑިއާ ސަރުކާރުން ރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ހެލްތު މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީ އައިޝަތު ސާމިޔާވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުން ނިމިގެން ދިޔައީ ދެޤައުމުގެ ގުޅުމަށްއައި ހެޔޮ ބަދަލާއިއެކު ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ގުޅިގެން ޙާއްޞަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމުގެ ޔަޤީންކަމާއިއެކުގައިކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.