ޚަބަރު

ޢީދުގައި ޢަޒުމް ކަނޑައަޅަންވީ ޢަދާވަތްތެރިކަން ނުބާއްވައި ގުޅުންތައް ބަދަހިކުރުމަށް: ރައީސް


  • ރައީސް ވަނީ ޢީދުގެ ތަޙުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފައި

  • ރައީސް ވިދާޅުވީ، ޢީދުގައި އުފާ ފާޅުކުރާއިރު، އިސްނަގަންވީ ޢާއިލާގެ ތެރެއިންކަމަށް

  • ރައީސް ވަނީ އެކަކު އަނެކަކަށް މަޢާފްކޮށް ހިތްހެޔޮކުރުންކަމަށް ނަސޭހަތްތެރިވެވަޑައިގެންފައި

ޢީދުގެ މި މުނާޞަބަތުގައި ޢަޒުމް ކަނޑައަޅާންވީ، ކިތަންމެ ކުޑަ މިންވަރެއްގެ ވިޔަސް، ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމެއް ނުބާއްވައި، އެ ގޮތުގައި ދެމިހުރުމަށް މަސައްކަތްކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ފޮނުއްވެވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޢީދު ދުވަހުގެ މުނާޞަބަތުގައި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށާއި، މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް މައްކާއަށް ދަތުރުކޮށް މިވަގުތު މައްކާގެ މާތް ބިމުގައި ތިބި، ލޮބުވެތި އަޚުންނާއި އުޚުތުންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އުފާ ފާޅުކޮށް އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި ހަދިޔާ ބަދަލުކޮށް އުޅުމުގެ ދުވަސްތަކެއް، އަޅުގަނޑުމެންގެ ދީނުގައި ކަނޑައަޅުއްވާފައިވަނީ ވަރަށް މަތިވެރި އިލާހީ ޙިކްމަތަކަށްޓަކައިކަމަށް ވިދާޅުވިއެވެ. އިސްލާމީ އެއްބަނޑުއެއްބަފާކަން އާލާކުރުމާއި، ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، އިޖްތިމާޢީ މަޞްލަޙަތުތައް ރައްކާތެރިކުރުމަކީ، ޢީދު ފާހަގަކުރުމުގައި ޙާޞިލުކުރަންޖެހޭ އެންމެ މަތިވެރި މަޤްޞަދުތައްކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންނަށް ކަނޑައެޅިފައިވާ ދެ ޢީދާއި އެ ދެ ޢީދުގެ ކުރިން ފުރިހަމަކުރާ އަޅުކަންތަކުންވެސް މި މަޤްޞަދުތައް ޙާޞިލުކުރުމަށް މަގު ފަހިކޮށްދޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި މި މަތިވެރި ޢީދުގައި އަޅުގަނޑުމެން އުފާ ފާޅުކުރާއިރު، އިސްނަގަންވީ ޢާއިލާގެ ތެރެއިންކަމަށް ވިދާޅުވިއެވެ. އެގޮތުން މައިންބަފައިންނާ ބައްދަލުކޮށް، އިޙްތިރާމާއި އޯގާތެރިކަމާއެކު ޢީދުގެ ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރައްވާށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި އަނބިދަރިންނަށް ހަދިޔާ ދީ، ލޯތްބާއި ކުލުނާއެކު ޢީދުގެ އުފާ ފާޅުކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. ގާތްތިމާގެ މީހުންނަށާއި ރައްޓެހި ރަޙުމަތްތެރިންނަށް ޒިޔާރަތް ކުރައްވައި، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު ޢީދުގެ ތަހުނިޔާ ބަދަލުކުރެއްވުމަށާއި، އުފާވެރި ހިނިތުންވުމަކާއެކު ކޮންމެ މީހަކާ ވެސް ބައްދަލުކޮށް، މުޖްތަމަޢުގައި ހިތްހަމަޖެހުމާއި އަމާންކަން ފެތުރުމަށް މަސައްކަތްކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠަބުގައި މިފަދަ އުފާވެރި ކޮންމެ މުނާސަބަތަކީ، އަޅުގަނޑުމެންގެ ތެރޭގައި ތިބި ނިކަމެތިންނާއި ފަޤީރުންނާއި މިސްކީނުންގެ މަތިން ހަނދާންކޮށް، އެމީހުންނަށް އެހީތެރިވެ، އެމީހުންނަށް ވެސް އުފަލާއި ހިތްހަމަޖެހުން ހޯދައިދިނުމަށް، މުޅި މުޖްތަމަޢު އެކުގައި މަސައްކަތް ކުރަންޖެހޭ މުނާސަބަތެއްކަން ފާހަގަކުރެއްވިއެވެ. އަދި ފޯރުންތެރިކަމުގެ އަހުލުވެރިން އިސްނަގައި، ނިކަމެތިންނަށް އެހީތެރިވެދިނުމުގެ މޫސުމެއްކަމަށާއި، ޚާއްޞަކޮށް، ޢާއިލާގެ ތެރޭގައި އެފަދަ މީހަކު ނުވަތަ ބަޔަކު ތިބިނަމަ، އެ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްނެގުމަށް ސަމާލުކަން ދެއްވާށްވެސް ރައީސުލްޖުމްހޫރިއްޔާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އަޟްޙާ ޢީދާ ގުޅިފައިވާ ޙައްޖުގެ މަތިވެރި އަޅުކަމުގައި ހިމެނޭ ކޮންމެ ކަމަކުން ވެސް ރަމްޒުކޮށްދެނީ، އިންސާނީ ދަރިފަސްކޮޅުގެ މެދުގައި އޮންނަންވީ ގާތް ގުޅުމާއި، އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުންދީ، ހެޔޮ ފޯރުވައި އުޅުމުގެ މުހިންމުކަންކަމަށް ވިދާޅުވިއެވެ. ޙައްޖުގެ އަޅުކަމުން ލިބިދޭ އެންމެ މަތިވެރި ޢިބްރަތަކީ، އެންމެހައި އިންސާނުންގެ ހަމަހަމަކަމާއި، އިންސާނީ ކަރާމާތްތެރިކަމުގެ އަގު މާތްކަންކަމަށާއި، މިފަދަ މަތިވެރި އަޅުކަމަކާ ވިދިގެން އަންނަ މި އުފާވެރި ޢީދު ދުވަހުގައި، މި މަތިވެރި ފިލާވަޅުތަކުން އަޅުގަނޑުމެން ޢިބްރަތް ޙާޞިލުކުރަންޖެހޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޢީދުގެ އެންމެ މަތިވެރި މަޤްޞަދަކީ، އެކަކު އަނެކަކަށް މަޢާފްކޮށް ހިތްހެޔޮކުރުންކަމަށާއި، ޒާތީ ޙަސަދަ އާއި ނަފްރަތުން އެއްކިބާވެ، އަޚުވަންތަކަމުގައި ދެމިތިބުންކަމަށާއި، ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، ރަޙްމަތްތެރިކަމާއި އޯގާތެރިކަމާއެކު، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވިއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ހިތްތަކުގައި ކިތަންމެ ކުޑަ މިންވަރެއްގެ ވިޔަސް، ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމެއް ނުބޭއްވުމަށް ޢަޒުމް ކަނޑައަޅައި އެ ގޮތުގައި ދެމިހުރުމުގެ މަސައްކަތް ފެށުމަށް މިއީ ނުހަނު ރަނގަޅު މުނާސަބަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.