ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީން 50 އަށްވުރެ މަދުން ޕޮއިންޓް ލިބިފައިވާ ސިވިލް ސަރވަންޓުން ފްލެޓް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީން 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓްދިނުމަށާއި، އެކި ސަބަބުތަކާހެދި ހުސްވެފައިވާ 145 ފްލެޓް ދޫކުރުމާމެދު ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ގޮތްތަކެއް ނިންމަވާފައެވެ.
ވަޒީރުން މަޝްވަރާކުރައްވާފައި ވަނީ ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށްވުރެ ދަށުން މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުނުކުރާ ގޮތަށް ސަރުކާރުން ކުރިން ނިންމަވާފައިވާ ނިންމެވުމާއެކު އެކެޓަގަރީން ފްލެޓް ހަވާލުނުކޮށްތިބި 45 ފަރާތަކަށް ފެލެޓް ހަވާލުކުރުމާ މެދުއެވެ.
ސަރުކާރުން ކުރިން ނިންމާފައިވަނީ ހިޔާ ސްކީމްގެ ސިވިލް ސަރވިސް ކެޓަގަރީން 50 ޕޮއިންޓަށްވުރެ ދަށުން މާކްސް ލިބޭ މީހުންނަށް ފްލެޓު ނުދިނުމަށެވެ. އެހެންނަމަވެސް ސިވިލް ސަރވިސް ކެޓަގަރީ ފިޔަވައި ހިޔާ ސްކީމުގެ އެހެން އެއްވެސް ކެޓަގަރީއެއްގައި ދާއިމީ ލިސްޓްގައި 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބުނު ފަރާތްތަކުގެ ގޮތުގައި ނަން ހިމަނާފައި ނުވުމާއި ސިވިލް ސަރވިސް ކެޓަގަރީއަކީ މިނިސްޓްރީތަކާއި މާލެ ސިޓީ ކައުންސިލު ހިމެނޭގޮތަށް ކޮންމެ އޮފީހަކަށް ވަކި ޢަދަދެއް ކަނޑައަޅައިގެން އެ އޮފީސްތަކުގެ ފަންނީ، އިދާރީ އަދި ސަޕޯޓް ސަރވިސްގައި މަސައްކަތްކުރާ ފަރާތްތަކަށް ޢަދަދު ކަނޑައަޅައިގެން ކުރިޔަށްގެންގޮސްފައިވާ ކެޓަގަރީއަކަށް ވާތީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމަވާފައި ވަނީ ދާއިމީ ލިސްޓުގައި ހިމެނިފައިވާ އެ 45 ފަރާތައް ފްލެޓް ޙަވާލުކުރުމަށެވެ.
މީގެއިތުރުން، އެކި ސަބަބުތަކާހުރެ ހިޔާ ފްލެޓްތަކުން ހުސްވެފައިވާ 145 އެޕާޓްމެންޓު، ފްލެޓަށް ކުރިމަތިލާފައިވާ މީހުންގެ ރިޒާވް ލިސްޓުގެ ތަރުތީބުން ދޫކުރެއްވުމަށް ވެސް ވަނީ ނިންމަވާފައެވެ. މި ބައްދަލުވުމުގައި ނިންމެވީ ރިޒާވް ލިސްޓުގައި ތިބި ފަރާތްތަކުގެ ތެރެއިން މާކްސް ލިބިފައިވާ ގޮތަށް ބަލާ ތަރުތީބުން ފްލެޓު ދެއްވުމަށެވެ.