ވިޔަފާރި

މިފްކޯއަށް މިހާތަނަށް 39331 ޓަނުގެ މަސް، މިދިޔަ އަހަރަށްވުރެ %33 އިތުރު


މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން މަސްވެރިންގެ އަތުން ގަނެފައިވާ މަހުގެ އަދަދު %33 އިތުރުވެފައިވާކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރަކީ މިފްކޯގެ ތާރީޚުގައިވެސް އެ ކުންފުނިން އެންމެ ގިނަ ޢަދަދަކަށް މަސްވެރިންގެ އަތުން މަސްގަނެ މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ އަހަރެވެ. ނަމަވެސް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު މި ޢަދަދު ވަނީ އިތުރުވެފައެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ޖޫން 16 ވަނަ ދުވަހާއި ހަމައަށް މަސްވެރިންގެ އަތުން މަސް ގަނެފައިވާ އަދަދާއި އަދި މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

މިއަހަރުގެ މި މުއްދަތުގައި މިފްކޯއިން ވަނީ 39،331 ޓަނުގެ މަސް ގަނެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މިފްކޯއިން ގަނެފައިވާ މަހުގެ އަދަދަކީ 29،643 އެވެ. އެހެންކަމުން މިއީ %33 އިތުރުވުމެކެވެ.

މިފްކޯގެ ވަކިވަކި ސެންޓަރުތަކުން މަސް ގަނެފައިވާ އަދަދު:

* ފެލިވަރު ފިޝަރީޒް ކޮންޕްލެކްސް - 4805 މެޓްރިކް ޓަން / %11 ކުރިއެރުމެއް
* ކޫއްޑޫ ފިޝަރީޒް ކޮންޕްލެކްސް - 30،191 މެޓްރިކް ޓަން / %33 ކުރިއެރުމެއް
* އައްޑޫ ފިޝަރީޒް ކޮންޕްލެކްސް - 4،335 މެޓްރިކް ޓަން / %69 ކުރިއެރުމެއް

މިފްކޯއިން މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް ވަނީ 654،847،650 ރުފިޔާ ދޫކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދަކީ 479،850،311 އެވެ.

މިފްކޯގެ ވަކިވަކި ސެންޓަރުތަކުން މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދު:

* ފެލިވަރު ފިޝަރީޒް ކޮންޕްލެކްސް - 74.3 މިލިއަން ރުފިޔާ
* ކޫއްޑޫ ފިޝަރީޒް ކޮންޕްލެކްސް - 507.3 މިލިއަން ރުފިޔާ
* އައްޑޫ ފިޝަރީޒް ކޮންޕްލެކްސް - 73.1 މިލިއަން ރުފިޔާ

މަސްކިރުވުމުގައި މިފްކޯއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް ހިންގަވާ މަޝްރޫޢުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑުކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމުކުރައްވާނެއެވެ. އަދި ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަޞީލަތްތައްވެސް ޤާއިމުކުރެއްވުން ހިމެނެއެވެ.