ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސIޙް މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ހުށައަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަޙްމަދު މުޙައްމަދު ވިދާޅުވީ، 19 މެންބަރުންގެ ސޮޔާއިއެކު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިއަދު މަޖިލީހުގެ އިދާރާއަށް ހުށައަޅާފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 175 ވަނަ މާއްދާގައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅޭނީ، މަޖިލީހުގެ މެންބަރުންގެ ތެރެއިން 15 މެންބަރުންނަށްވުރެ މަދުނޫން ޢަދަދެއްގެ މެންބަރުންގެ ސޮޔާއި އެކުކަމަށެވެ. އަދި މައްސަލައިގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި، އެ މައްސަލައިގެ ނޯޓިސް އަމީން ޢާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ދިނުމަށްފަހު، އެނޯޓިހުގެ ތާރީޚުން ފެށިގެން ރަސްމީ ބަންދުނޫން 10 ދުވަހުގެ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ މައްސަލަ ހުށަހަޅަންވާނެކަމަށެވެ.
އިދިކޮޅު މެމްބަރުން ހުށައެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލާގައި ވަނީ، ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއްބާރު ކަމަށް ވީހިނދު މަޖިލީހުގެ ރައީސްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މަޖިލީހުގެ ޤަވައިދުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާއިރު މަޖިލީހުގެ ރައީސް ތަކުރާރުކޮށް އެ ޤަވައިދާ ޚިލާފުވެފައިވާކަމަށެވެ. މިމައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީ.ޕީ.އެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރ އަޙްމަދު ނިހާނު ހުސެއިން މަނިކުވިދާޅިވީ، އެޕާޓީން އެންޑޯޒްކޮށްފައިވަނިކޮށް މަޖިލީހުގެ ރައީސް މަޤާމުން ވަކިނުކުރެވޭނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕީ.ޕީ.އެމް ތަމްސީލުކުރާ 47 މެންބަރުންނާއި، އެމް.ޑީ.އޭގެ 5 މެންބަރުންނާއެކު ޖުމްލަ 52 މެންބަރުން ތިއްބެވުމުން މަޖިލީހުގެ ރައީސް މަޤާމުން ވަކިނުކުރެވޭނެކަމަށް ނިހާންވިދާޅުވިއެވެ. މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގެ 22 މެންބަރުންނެވެ.