ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ މިދައުރަކީ ދިވެހި އަންހެން ކަނބަލުންނަށް އެކަނބަލުންގެ ހައްގު ޝަރަފާއި، ބާރުވެރިކަން ކަށަވަރުވެގެން ގޮސްފައިވާ ފަސް އަހަރު ކަމުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯ ތައްޔާރު ކުރުމަށް އެޕާޓީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން ދަރުމަވަންތަ ސްކޫލުގައި ބޭއްވި ވޯކްޝޮޕް ފައްޓަވައިދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވި މި ވޯކްޝޮޕްގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ 300 އަށްވުގެ ގިނަ އަންހެން ކަނބަލުން ބައިވެރިވިއެވެ. ވޯކްޝޮޕް ފައްޓަވައި ދެއްވައި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި އަބަދުވެސް އަންހެނުންނަށް ޚާއްސަ ޖާގަތަކެއް ދީފައިވާކަމަށެވެ. އަދި ސަރުކާރުގެ މިވީ ދުވަސްތަކުގައި ދިވެހި ކަނބަލުންނަށް ދެއްވާފައިވާ ޚާއްސަ ސަމާލުކަމާއި، ހޯދައިދެއްވި ބާރުވެރިކަމަކީ މިވީއެއްވެސް ވެރިކަމެއްގައި ހޯދައި ދެވިފައި ނުވާވަރުގެ ކަންތައްތަކެއް ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަންހެން ކަނބަލުންނަށް ދެއްވާ ޚާއްސަ އިސްކަމެއްގެ ތެރެއިން ކެބިނެޓްގައި 33 އިންސައްތައާއި ކައުންސިލްތަކުގައިވެސް 33 އިންސައްތަ ޖާގަ އަންހެން ކަނބަލުންނަށް ޚާއްސަކޮށްދެއްވާފައިވާކަމަށެވެ. އަދި އަންހެނުންގެ ކޮމެޓީތަކެއް އުފައްދަވައި އަންހެނުންނަށް ދިމާވާ އެކި މައްސަލަތައް ހައްލުކުރެއްވުމަށް މިސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާފައިވާކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
"އެމްޑީޕީއަކީ އަބަދުވެސް އެމްޑީޕީގެ މެމްބަރުންގެ އަޑު އަހައިގެން މެނިފެސްޓޯ ތައްޔާރު ކުރާބައެއް. އަދި ޚާއްސަކޮށް އަޅުގަނޑު ފާހަގަ ކޮށްލަނީ މިފަސް އަހަރަކީ އަންހެނުންގެ އަޑު އެހުމުގަ މީގެ ކުރީގެ ސަރުކާރުތަކާއި ބަލާފަ މާބޮޑަށްވެސް އިސްކަން ދެއްވައިގެން އަޑުއެއްސެވި ފަސް އަހަރުގެ ގޮތުގަ." ރޮޒޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ޚާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންދިޔައިރު ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކެމްޕެއިން ދަތުރުތައް އީދު ބަންދަށްފަހު ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓެއް ކަނޑައަޅުއްވާފައިވަނީ އެޕާޓީގެ ތެރޭގައި ބޭއްވި ރިޔާސީ ޕްރައިމަރީއަކުންނެވެ. މިއީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެތެރޭގެ ޕްރައިމަރީއަކުން ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅި ފުރަތަމަ ޕާޓީވެސް މެއެވެ.