ސަރުކާރުގެ ސިޔާސަތުގެ ދަށުގައި ހިމެނޭ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގޭތައް އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ ސިޔާސަތުގެ ދަށުން ނ. ހެނބަދޫގައި އަލަށް ޢިމާރަތް ކުރި އިންޖީނުގެއާއި އޮފީސް ޢިމާރާތުގެ މަސައްކަތް ނިންމާ، ޚިދުމަތް ދޭން ފަށައިފިއެވެ.
ރާއްޖޭގެ ގިނަ ރަށްތަކަށް ބަލާއިރު، ރަށްރަށަށް ކަރަންޓު ފޯރުކޮށްދެމުން އައީ ރައްޔިތުންގެ އަމިއްލަ ފައިސާއިން އިންޖީނު ގަނެ، އެމީހުން އަމިއްލައަށް އިންޖީނުގެތައް ހިންގާ ބަލަހައްޓައިގެންނެވެ. އަދި ބިން ކުއްޔަށް ނަގައި، ވަކިބަޔަކު އިންޖީނު ގެންގޮސް ޚިދުމަތް ދިން ރަށްތައްވެސް އެބަހުއްޓެވެ. މިކަން ކުރަމުން އައިސްފައިވަނީ އެކި ރަށްރަށުގައި އެކި ނިޒާމުންނެވެ.
އާބާދީ ބޮޑުވަމުންގޮސް ކަރަންޓުގެ ލޯޑު ބޮޑުވެ ގޮތެއް ނެތުމުން އިތުރު އިންޖީނެއް ރަށަށް ގެންދިޔަނަމަވެސް، ޚިދުމަތަކަށް މާބޮޑު ބަދަލެއް ނާދެއެވެ. އަދި ޚިދުމަތްތައް ދެމުން އައި ގިނަ ތަންތަން ހުރީ ރަށު ތެރޭގައި ރައްޔިތުން ދިރިއުޅޭ ގެތަކާ އިންވެގެންނެވެ.
މީގެ ތެރެއިން 800 މީހުންގެ އާބާދީއެއް އޮންނަ ނ. ހެނބަދޫގައި ބޭނުން ކުރި އިންޖީނުގެއަކީ ރަށުގެ މެދުގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ އިންޖީނުގެއެއް ކަމުން، އެތަނުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތި އުނދަގޫތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.
ނ. ހެނބަދޫގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރ މުހައްމަދު ރަމީޒް ވިދާޅުވީ، އިނޖީނުގެ ރަށުގެ މެދު ތެރޭގައި ހުރުމުގެ ސަބަބުން ސާފު ބޯފެން ނެގުމަށް ރައްޔިތުންނަށް އެތަކެއް ތަކުލީފަކާއި ކުރިމަތިލާން ޖެހުނުކަމަށެެވެ. އަދި ރައްޔިތުން ބޭނުންވާ ވަރަށް އެކަށޭނެ ކަރަންޓުގެ ޚިދުމަތްވެސް ނުލިބޭކަމަށެއެވެ. މީގެ ސަބަބުން ރައްޔިތުންގެ އަގުބޮޑެތި މުދަލަށް ގެއްލުންވެފައިވާކަންވެސް ރަމީޒް ފާހަގަކުރެއްވިއެވެ.
ރަމީޒް ވިދާޅުވީ، އިންޖީނުގޭގެ އޮފީސް ޢިމާރާތެއް ނެތި އަދި ހުރި ތަނުގެވެސް ޖާގަ ކުޑަކަމުން އެންމެ އެކަށީގެންވާ ގޮތަށް ޚިދުމަތްތައް ދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ހެނބަދޫގައި އަލަށް ޢިމާރާތްކުރި އިންޖީނުގޭގެ ސަބަބުން ރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުވެ، ރަށަށް ޢިޖްތިމާއީ ގޮތުންނާއި އިޤްތިސާދީ ގޮތުންވެސް ބޮޑެތި މަންފާތަކެއް ލިބި ރަށް އިތުރަށް ކުރިއަރައިގެން ދާނެކަމަށް ރަމީޒް ވިދާޅުވިއެވެ.
އައު އިންޖީނުގެއާއެކީ ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފައް ނިމުމެއް އައިސް މިހާރު އެންމެ އެކަށީގެންވާ ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާކަމަށް ރަމީޒް ވިދާޅުވިއެވެ. އެގޮތުން މިއަދުގެ ސަރުކާރުން ވަނީ ހެނބަދޫގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން އުފުލަމުންދިޔަ ދަތި އުނދަގޫތަކަށް ހައްލެއް ހޯދާދީފައިކަމަށް އޭނާ ވިދާޅުވިއެވެ.
ރަށުން ކަރަންޓު ކެނޑޭ މައްސަލަ ޙައްލުކުރުމަށް އާ އިންޖީނުގެއާއެކު، ކަރަންޓު ކެޕޭސިޓީވެސް ވަނީ އިތުރުކޮށްފައެވެ. 100 ކިލޯވޮޓުން، 538 ކިލޯވޮޓްގެ ކެޕޭސިޓީއަކަށް ވަނީ އިތުރުކޮށްފައެވެ. އައު އިންޖީނުގޭގައި ޑެގް ރޫމް، ކޮންޓްރޯލް ރޫމް، ވޯކް ޝޮޕް، ސްޓޯރ، ޕޭންޓްރީ، ފާޚާނާ، ޗިމްނީ، ޑޭ ޓޭންކް، އަދި ޑީސަން ޓޭންކް ހުރެއެވެ. އެގޮތުން ރަށުގައި ކަރަންޓު ލޯޑު އެންމެ ބޮޑުވާ ވަގުތުގައި ބޭނުންކުރާ މިންވަރު، 232 ކިލޯވޮޓްގެ ސޯލާ ނިޒާމުވަނީ ޤާއިމުކޮށްފައެވެ. އަދި ކަރަންޓުގެ ވިއުގަ ޒަމާނީ ކުރުމަށް 192 މީޓަރުގެ މުޅިން އާ ކޭބަލް ނެޓްވޯކެއް ވަނީ އަޅާފައެވެ.
ސަރުކާރުން އަންނަނީ އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިކަމަށް ބޭނުންވާ އައު އިންޖީނުގެތަކާއި އޮފީސް ޢިމާރާތްތައް ހެދުމުގެ މަސައްކަތް މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާއިރު، މިތަންތަނަކީ ރީތި ފަރުމާތަކަކަށް ތަރައްޤީކުރާ ޒަމާނީ އިންޖީނުގެތަކަކަށް ވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފަައެވެ.