ޚަބަރު

ހަދިޔާ ކުރެވޭ ކޮންމެ ލޭ ތިއްކަކީ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ދެވޭ ޞަދަޤާތެއް


ލޭ ހަދިޔާ ކުރުމަކީ އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ލިބޭ ފުރުޞަތެކެވެ. އަނެކާއަށް އެހީތެރިވުން މިއީ އިންސަނާއަށް ލިބޭނެ އެންމެ ބޮޑު އެއް އުފާވެރިކަމެވެ. މިއީ މުޖުތަމައުއެއްގެ އިޖްތިމާއީ ފޭރާން ވަރުދަގަކުރުމަށް ލިބޭ އަގުހުރި ފުރުޞަތެއްވެސްމެއެވެ. އެއްބަޔަކު އަނެއްބަޔަކާ ގުޅުން ބަދަހިކޮށް، އެހީތެރިވުމަކީ މުޖުތަމައުއެއް ވަރުގަދަ ކުރުވާ ކެމެކެވެ.

ވޯލްޑް ބްލަޑް ޑޯނާރ ޑޭ ނުވަތަ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހަކީ ލޭހަދިޔާ ކުރުމުގެ މުހިންމުކަމާއި، މިއިން ލިބޭ ފައިދާ އަދި ރައްކާތެރި ގޮތުގައި ލޭ ހަދިޔާކުރުމާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. މީގެއިތުރުން ލޭ ހަދިޔާ ކުރާ މީހުންގެ އަގުވަޒަން ކުރުމަކީވެސް ދުވަހުގެ ބޭނުމެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަން ބްލަޑް ސާރވިސަސްގެ ސްޕެޝަލިސްޓް ރެޖިސްޓްރާ އިން ޕީޑިއަޓްރިކްސް ޑރ. އަހްމަދު އުމަރު ވިދާޅުވީ، ރާއްޖޭގައި ލޭ ހަދިޔާ ކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުން ދާކަމަށެއެވެ. އެހެން ނަމަވެސް ލޭ ހޯދުމަށް މީހަކު އައިސް އެދުމުގެ ކުރިން އަމިއްލަ މީހާ އިސްނަގައިގެން ލޭ ހަދިޔާ ކުރުމުގެ އާދަ އަޅުގަނޑުމެންގެ ތެރޭގައި އާލާ ކުރަން ޖެހޭކަމަށް ޑރ. އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ފުރިހަމަ ޞިއްޙަތެއްގައި ހުރި ކޮންމެ މީހަކަށްވެސް ކޮންމެ ތިން މަހަކުން ތިން މަހަކުން ލޭ ދެވޭނެ މީހެއްކަމަށެވެ. އެހެންކަމުން ލެޔައް އެދި މީހުން ސަލާން ޖެހުމުގެ ކުރިން، ލޭ ދެވޭނެތާކަށް ގޮސް ލޭ ދިނުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. ލޭ ހަދިޔާ ކުރާ ފަރާތުން ޞިއްޙަތައް ބަލައިގެން އުޅުމުގެ މުހިންމުކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ ލޭ ހަދިޔާ ކުރާ ފަރާތްތަކުން ވީހާވެސް ގިނައިން ދިޔާ ތަކެތި ބޭނުން ކުރުމާއި، ހަށިގަނޑަށް ފައިދާ ހުރި ތަކެތި ގަވާއިދުން ބޭނުން ކުރުން ވަރަށް މުހިންމު ކަމަށެއެވެ.

"އިތުރުން ލޭ ހަދިޔާ ކުރަން ވަޑައިގަންނަވާއިރު ޚާއްސަކޮށް ހަދިޔާ ކުރާ ދުވަހުގެ ކުރީ ދުވަހު މިއީ ސަމާލުކަމެއް ދޭން ޖެހޭކަމެއް. ރަނގަޅަށް ނިދި ކުރައްވާފައި ވަޑައިގަތުން. އޭގެ އިތުރަށް ލޭ ހަދިޔާ ކުރަން ވަޑައިގަތުމުގެ ކުރިން ރަނގަޅު ފަރިއްކޮޅެއް ނަންގަވައިގެން ވަޑައިގަތުން. ފަރިކޮޅެއް ނަގާތާ ބައި ގަޑިއިރާ ދެ ގަޑިއިރާ ދޭތެރޭ އެންމެ ރަނގަޅީ ލޭ ހަދިޔާ ކުރުން" އުމަރު ވިދާޅުވިއެވެ.

ޑރ. އުމަރު ވިދާޅުވީ ލޭ ހަދިޔާ ކުރާ ފަރާތްތަކުން ގައިންގަޔަށް އަރާ ބަލިތަކާއި އަދި އެހެނިހެން ގޮތްގޮތުން އަރާ ބަލިތަކުން ރައްކާތެރިވެ ތިބުމަށް ސަމާލުކަން ދޭންޖެހޭކަމަށެއެވެ. އަދި ތިމާ ފޯރުކޮށްދޭ ލެޔަކީ ރައްކާތެރި ލެޔެއްކަން ޔަޤީންކޮށްދެން ޖެހޭކަމަށެއެވެ.

ލޭ ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާ އުމަރު ވިދާޅުވީ، އަދިވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ލޭ ހޯދަން ސަލާން ޖެހަންދެން ލޭ ހަދިޔާ ކުރާ ފަރާތްތައް މަޑުކޮށްގެން ތިބުންކަމަށެއެވެ. މީގެ ބަދަލުގައި ވޮލެންޓިއަރކޮށް ނުވަތަ އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާ ކުރާ ފަރާތްތައް އިތުރުވެއްޖެނަމަ، ސޯޝަލް މީޑިއާ އަދި އެނޫންވެސް ގޮތްގޮތުން ލޭ ހޯދުމަށް މީހުން ސަލާން ޖެހުން ހުއްޓިގެން ދާނެކަމަށެއެވެ.

އުމަރު ވިދާޅުވީ، ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ބައެއް ލޭގެ ގުރޫޕް ލިބުމުގެ ދަތިތަކެއް ހުންނަ ކަމަށެވެ. ރާއްޖޭގައި ލޭ ހަދިޔާ ކުރާ މިންވަރަށް ބަލާއިރު ޑަބްލިއުއެޗްއޯގެ އަންދާޒި ހިސާބުތަކާއި އެއްވަރަށް ރާއްޖޭގައި މީހުން ލޭ ހަދިޔާ ކުރާކަން ފާހަގަކުރައްވާ، އަދިވެސް މިކަމަށް މީހުން ހޭލުންތެރިވެ، ވޮލެންޓިއަރކުރާ މިންވަރު އިތުރުކުރުން މުހިއްމުކަން އުމަރު ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރަކުވެސް ވޯލްޑް ބްލަޑް ޑޯނާރ ދުވަހަށް ޝިއާރެއް ކަނޑައެޅިގެން ދާއިރު މި އަހަރުގެ ޝިއާރަކީ "ގިވް ބްލަޑް ގިވް ޕްލާސްމާ ޝެއާ ލައިފް ޝެއާރ އޮފެން" އެވެ. ކޮންމެ އަހަރެއްގެ ޖޫންމަހުގެ 14 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައެވެ.

ތިމާގެ އަތުން ހަދިޔާ ކޮށްލެވޭ ކޮންމެ ލޭ ތިއްކަކީ ދެވިގެން ދާ މަތިވެރި ސޮދަގާތެއްގެ އިތުރުން އަނެކާގެ ދިރިހުރުމަށް ދެވޭ އުންމީދެކެއެވެ.