ޚަބަރު

ދުރާލާ ވީޒާ ނުނަގައި ދަތުރުކުރުމާއި ގުޅޭ އެއްބަސްވުމެއް ރާއްޖެއާއި ގެމްބިއާއިން ޤާއިމްކޮށްފި


ދުރާލާ ވީޒާ ނެގުމަކާއި ނުލައި ދަތުރުކުރެވޭނެ އެއްބަސްވުމެއް ރާއްޖެއާއިި ގެމްބިޔާއާ ދެމެދު ޤާއިމްކުރައްވައިފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިއްޔެ ސައުދީ އަރަބިއްުޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖެއާއި ގެމްބިއާއާ ދެމެދު ޤާއިމްކުރި ވީޒާއާ ގުޅޭ އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށް ދުރާލާ ވީޒާ ނެގުމަކާއި ނުލައި އެއް ގައުމުން އަނެއް ގައުމަށް 30 ދުވަހުގެ މުއްދަތަކަށް ދަތުރުކުރުމުގެ އިތުރުން، ޓްރާންސިޓްވެސްވެވޭނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ސައުދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުޙައްމަދު ޚަލީލްއެވެ. ގެމްބިޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސައުދީގައި ހުންނަވާ އެ ޤައުމުގެ ސަފީރު އޮމަރު ޖިބްރީލް ސަލާހުއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ސައުދީގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޚަލީލް ވަނީ ރާއްޖެއާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ގެމްބިއާގެ ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި އަލަށް ޤާއިމްކުރެވުނު ވީޒާ އެއްބަސްވުމުގެ ސަބަބުން އިތުރު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިވެގެންދާނެކަމަަށް އުއްމީދުކުރައްވާކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

ގެމްބިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެެއްވާކަމަށެވެ.

ޗުއްޓީއާއި ވިޔަފާރީގެ ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ސަރުކާރުން ދަނީ އެކި ޤައުމުތަކާއެކު ވީޒާއާ ގުޅޭ އެއްބަސްވުންތައް ޤާއިމްކުރައްވަމުންނެވެ.

ޤައުމުތަކަށް ދަތުރުކުރުމުގައި ދިވެހިންނަށް ލުއިތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުމުހިންމު ޚާރިޖީ މަސައްކަތެކެވެ. އެގޮތުން މިހާރުވެސް ރާއްޖެއިން 90 އަށް ވުރެ ޤައުމަށް ދުރާލާ ވީޒާ ނެގުމަކާއި ނުލައި ދަތުރުކުރެވެއެވެ. އަދި އިތުރު ޤައުމުތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.