ޓެރަރިސްޓް ޖަމާޢަތްތައްކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓު ސަލާމަތީ ސަބަބުތަކަށްޓަކައި ޢާންމު ނުކުރައްވާގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތާއީދުކުރައްވައިފިއެވެ. މިބިލް މަޖިލީހަށް ބަލައިގަނެ މިއަދު ވަނީ ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވަވާފައެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި މިހާރު ބުނެފައި ވަނީ، ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ވާނެކަމަށެވެ. އަދި ޓެރަރިސްޓް ޖަމާޢަތްތައްކަމަށް ބެލެވޭ ޖަމާޢަތްތައް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާނީ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށްވެސް ޤާނޫނުގައިވެއެވެ. އަދި ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވަން ލާޒިމްކަމަށްވެސް މިހާރު ޤާނޫނުގައިވެއެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށައެޅުއްވި އިޞްލާޙުގައި ވަނީ މިއިޞްލާޙު ފާސްވުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ސިފައިން ބަލަހައްޓަންވާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓް ސަލާމަތީ ސަބަބުތަކަށްޓަކައި ޢާންމު، ނުކުރެވޭނެކަމަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙުށައަޅުއްވާފައި މިވަނީ ޓެރަރިސްޓް ޖަމާއަތުގެ ލިސްޓް ގެޒެޓްކުރަންޖެހޭ ގޮތަށް އޮތުމުން، ދިމާވެދާނެ މައްސަލަތަކަށް ޙައްލެއް ހޯއްދެވުމުގެ ގޮތުންކަމަށް އިޞްލާހު ހުށައެޅުއްވި މެމްބަރު ވިދާޅުވިއެވެ.