ޚަބަރު

އައްޑޫއަށް އިތުރުކުރާ ބިން ބޭނުންކުރާނެގޮތުގެ ޕްލޭން މިއަހަރު ނިންމާލެވޭނެ: މޭޔަރ


މިއަހަރު ނިމުމުގެ ކުރިން އައްޑޫ ސިޓީއިން ހިއްކާ ބިމުގެ ލޭންޑް ޔޫސް ޕްލޭން ނުވަތަ ތަރައްޤީކޮށް ބޭނުންކުރާނެގޮތުގެ ޕްލޭން ހަދާ ނިމޭނެކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ. ނިޒާރު މިހެން ވިދާޅުވީ، އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް ފެށްޓެވުމަށް ބޭއްވި ރައްސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ، މިއަދު ފެނިގެން މިދާ ޙަޤީޤަތަކީ އައްޑު ސިޓީގެ ބިމަށް 198 ހެކްޓަރު ބިން އިތުރު ކުރުވޭ މަންޒަރުކަމަށެއެވެ. އަދި މި ބިން ހެޔޮގޮތުގައި ބޭނުން ކުރުމާއި، މިބިން ބޭނުން ކުރާނެ ގޮތައި ބެހޭގޮތުން މަރަދުއާއި، މަރަދޫ ފޭދޫ ރައްޔިތުއްނާއި އަންނަ މަހު މަޝްވަރާތައް ފަށާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، މިބިން ހިއްކާ ނިމެންވާއިރަށް، އޮގަސްޓު މަސް ތެރޭ މިބިން ޕްލޭން ކުރުމަށްޓަކައި މަސައްކަތް ފަށާނެކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ބިން އެއްކޮން ޕްލޭންކޮށް ނިންމާ، މި ބިން ބޭނުން ކުރުމަށްޓަކައި ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ހުށަހެޅުމުގެ މަސައްކަތްވެސް ފަށާނެކަމަށެއެވެ.

ކޯވިޑްގެ ދަތި ދެ އަހަރަށް ފަހުވެސް ދައުލަތުން 6 ބިލިއަނަށްވުރެ ގިނަ ރުފިޔާ އައްޑޫ ސިޓީގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާގެ މި ދައުރުގައި ހޭދަ ކުރައްވާފައިވާކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ، މި މަޝްރޫޢުތައް ހިންގެވުމުގެ މަޤްޞަދަކީ އައްޑޫ ސިޓީއާއި މެދު އެމަނިކުފާނު ގެންގުޅުއްވާ ތަރައްޤީގެ ތަޞައްވުރު ހަޤީޤަތަކަށް ހެއްދެވުންކަމަށެވެ.

އައްޑޫ ސިޓީގެ މޭޔަރ ނިޒާރު ވިދާޅުވީ، މިއީ އައްޑޫ ސިޓީ ރައްޔިތުން ކުރި ދިގު އިންތިޒާރެއްގެ ނިމުންކަމަށާއި، އެތައް ބަޔަކު ދެކެމުން އައި ހުވަފެންތަކެއް ހަޤީޤަތަކަށް ވެގެންދިއުންކަމަށެވެ. އަދި އައްޑޫ ސިޓީގެ އިޤްތިޞާދު ކުރިއަރުވާ ފުޅާކުރުމަށް އަލަށް އިތުރުކުރެވޭ ބިން ވީހާވެސް އަވަހަކަށް ބޭނުންކުރުމަކީ މުހިއްމުކަމެއްކަން މޭޔަރ ފާހަގަކުރެއްވިއެވެ.

"ކުރިއަށް އޮތް ދުވަސްތަކަކީ މި ޚަރަދު ކުރެވޭ ޚަރަދު ކުރެވުންތައް، މި ބިނާ ކުރެވޭ ބިނާތައް، މި ހިއްކޭ ހިއްކުމާއި، އަދި އެއާރޕޯޓަށް ގެނެވޭ ތަރައްޤީއާއި އަދި އެނޫންވެސް ހުރި ތަރައްޤީތައް، އަޅުގަނޑުމެންނަށް ކުލަ ޖައްސާ މީގެން ރައްޔިތުން މަންފާ ލިިބިގަތުމަށް މަސައްކަތްކުރަންޖެހޭ ދުވަސް" މޭޔަރ ވިދާޅުވިއެވެ.

އަލީ ނިޒާރު ވިދާޅުވީ، މުސްތަޤުބަލަށްޓަކާ މި ޤައުމު ކުރިއަށް ގެންދަންޖެހޭކަމަށާއި، ރަށަށް ލިބޭ ކޮންމެ ތަރައްޤީއަކީ މުސްތަޤުބަލާއި ގުޅުފައިވާ ކަމެއްކަމަށެއެވެ. އަދި ރައްރަށުގައި ހުރެގެން އިޤްތިޞާދާއެކު ރަނގަޅު ގޮތް ހޯދުމަށް މަސައްކަތް ކުރަންޖެހޭކަމަށް މޭޔަރ ވިދާޅުވިއެވެ.

އައްޑޫގެ ބިން ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ހިތަދޫގެ ދެ ސަރަޙައްދަކުން 80 ހެކްޓަރު، މަރަދޫއާއި މަރަދޫފޭދޫއިން 76 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ހުޅުމީދޫގައި 32.3 ހެކްޓަރުގެ ބިން އެމްޓީސީސީއާއި ޙަވާލުކޮށްގެންވެސް ހިއްކުމަށްވެސްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެސިޓީގެ ރަށްރަށުގެ ފަޅުތައް ހިއްކައިގެން 8.3 ހެކްޓަރުގެ 3 ރަށް ހިއްކުމަށްވެސްވަނީ ނިންމާފައެވެ. 1.6 ބިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން އައްޑޫ ސިޓީ ބިން ހިއްކަން ކުރިއަށްގެންދާ މަޝްރޫޢުއަކީ އައްޑޫގެ އިތުރުން އެކަމުގެ އިޤްތިޞާދީ ފައިދާ ރާއްޖޭގެ އިޤްތިޞާދަށްވެސް ކުރާނެ ތަރައްޤީގެ މުހިއްމު މަޝްރޫޢެކެވެ.