ދިވެހިރާއްޖެ އާއި ނޭޕާލް ގުޅިގެން ފަތުރުވެރިންނަށް ޓްރެވަލް ޕެކޭޖްތަކެއް ތަޢާރުފްކުރައްވަން މަޝްވަރާކުރައްވަމުން ގެންދަވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަޢުސޫމް މިހެން ވިދާޅުވީ، ނޭޕާލްގެ ޕޮކަރާގައި ކުރިއަށްދާ ޕާޓާ އެނުއަލް ސަމިޓް އެންޑް އެޑްވެންޗަރ މާރޓް 2023 ގައި ވާހަކަދައްކަވަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުސޫމް ވިދާޅުވީ، ރާއްޖެ އާއި އަދި ނޭޕާލްއަކީ ވެސް ޤުދުރަތީ ގޮތުން ރީތި ސިފަތަކެއް ލިބިފައިވާ 2 ޤައުމުކަމަށެވެ. ރާއްޖޭގައި ރީތި ދޮންވެލި ގޮނޑުދޮށްތަކާއި ރީތި ކަނޑުފަޅުތަކެއް އޮތްއިރު، ނޭޕާލަކީ އުސް ފަރުބަދަތަކާއި، ވާދީތަކާއި، ވޯޓަރ ފޯލްތައް ހިމެނޭ ރީތި ޤައުމެއްކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމުގައި 2 ޤައުމު ގުޅިގެން ޑުއަލް މަންޒިލެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ނޭޕާލްގެ ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރައްވާނެކަމަށެވެ.
“އަޅުގަނޑުމެން މި ވިސްނީ ނޭޕާލާއި ދިވެހިރާއްޖެއާ 2 ޤައުމު އެއް ދަތުރެއްގައި ހިމެނޭގޮތަށް ޕެކޭޖެއް ހިމެނޭގޮތަށް އެބައޮތޭ ފުރުޞަތު.” މިނިސްޓަރ ވިދާޅުވިއެވެ.
On 30th May, Minister of Tourism Dr. Abdulla Mausoom @Mausoom_Maus attends the @PATA_HQ PATA Executive Board Meeting and PATA Board Meeting held in conjunction with PATA Annual Summit & Adventure Mart #PASAM2023, Pokhara #Nepal pic.twitter.com/87nmE77Tw8
— Ministry of Tourism (@MoTmv) May 31, 2023
ޕާޓާ އެނުއަލް ސަމިޓް އެންޑް އެޑްވެންޗަރ މާރޓް 2023ގެ ތެރެއިން ޕެނަލް ޑިސްކަޝަނެއްގައި މިނިސްޓަރ މަޢުސޫމް ވަނީ ޒިންމާދާރު ފަތުރުވެރިކަމާ ގުޅޭގޮތުންނާއި، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަރުވަން ކުރައްވާ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
ރާއްޖެއިން ދާދިފަހުން ލޯންޗްކުރި 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގައި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ދިމާއަށް ދިއުމަށް ވަރަށް ބޮޑަށް އަމާޒުހިފާފައި ހުރިއިރު ޕެނަލް ޑިސްކަޝަންގައި އެކަމާއި ގުޅޭ މަޢުލޫމާތުވެސް ހިއްސާކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޕާޓާގެ ތެރެއިން ކުރިއަށްދާ ޔޫތު ސިންޕޯސިއަމްގައިވެސް މިނިސްޓަރ ވާހަކަދައްކަވާނެއެވެ. މިނިސްޓަރ ވިދާޅުވީ، މި ސިންޕޯސިއަމްގައި ބޮޑަށް އަލިއަޅުވާލައްވާނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ އިންސާނީ ވަސީލަތްތަކާއި ގުޅޭގޮތުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިވެހިން ލިބުން ދަތިވެފައިވާތީ އެކަމާއި ގުޅޭގޮތުން މި ސިންޕޯސިއަމްގައި ވާހަކަދައްކަވާނެކަމަށެވެ.