ޚަބަރު

މުހުތާޒްގެ ބަންދުގެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް


ޞައްޙަނޫން ލިޔެކިއުމެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރެއްވުމަށް މަސައްކަތްކުރި މައްސަލައިގައި ހައްޔަރުކުރެއްވި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުޙުސިން ބަންދުން ދޫކޮށްލެއްވުމަށް ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުމުގެ އިސްތިޢުނާފްގެ އަޑުއެހުމެއް ރޭ ހައިކޯޓުގައި ކުރިއަށް ގެންދަވައިފިއެވެ. 

ކްރިމިނަލް ކޯޓުން މުހުތާޒް ބަންދުން ދޫކޮށްލައްވައިފައިވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ޙާޟިރުކުރެއްވުމުން އޭނާގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވައިފައިވާތީއެވެ. ކްރިމިނަލް ކޯޓުގެ މި ނިންމެވުން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިޢުނާފް ކުރައްވައިފައެވެ. އެގޮތުން މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ރޭ ހައިކޯޓުގައި ކުރިއަށް ގެންދަވައިފައިވާއިރު ރޭގެ އަޑުއެހުން ނިންމަވައިލައްވައިފައިވަނީ ޤާނޫނީ ވަކީލަކު ޢައްޔަރުކުރެއްވުމަށް މުހުތާޒަށް ފުރުޞަތު ދެއްވުމަށްފަހުއެވެ.

ޞައްޙަނޫން ލިޔެކިއުމެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރެއްވުމަށް މަސައްކަތްކުރި މައްސަލައިގައި މުހުތާޒް ހައްޔަރުކުރެއްވުމަށްފަހު ބަންދަށް މުއްދަތު ޖެހުމަށް ފުރަތަމަ ކްރިމިނަލް ކޯޓަށް ޙާޟިރު ކުރުމުންވެސް އެކޯޓުން ވަނީ މުހުތާޒް ބަންދުން ދޫކޮށްލައްވައިފައެވެ. އެހެންނަމަވެސް ދައުލަތުން މިމައްސަލަ ހައިކޯޓުގައި އިސްތިޢުނާފް ކުރެއްވުމުން ހައިކޯޓުން، މުހުތާޒްގެ ބަންދުގެ މުއްދަތު އިތުރުކޮށްދެއްވައިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރެއްވުމަށް ޞައްޙަ ނޫން ކޯޓް އަމުރެއް ނެރުނު މައްސަލައާ ގުޅިގެން ކުރީގެ ޕީޖީ މުހުތާޒް މުޙުސިން ހައްޔަރުކުރެއްވީ އެކަމުގައި އެނާ ބައިވެރިވިކަމުގެ ތުހުމަތުގައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަދިވެސް ހުންނެވީ ފުލުހުންގެ ބަންދުގައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އޭނާ ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރައްވައިފައެވެ..