ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރައްވައިފިއެވެ.
ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވަނީ، ރާއްޖެއާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައެވެ. މި މައްސަލަ ހުށައެޅުއްވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންނެވެ. ނަމަވެސް މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އޮތް ސަރުކާރުން ވަނީ އެ މައްސަލަ ކާމިޔާބުވިޔަ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.
މާދަމާއަށް މި މައްސަލަ އެޖެންޑާކުރައްވާފައިވާއިރު، މައްސަލައަށް ޖަވާބުދާރީވުމަށް ބަންޑާރަ ނާއިބަށް 30 މިނެޓުގެ ވަގުތެއް ދެއްވުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ނިންމަވާފައެވެ.
ހުށައަޅާފައިވާ ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވެފައިވަނީ، ބަންޑާރަ ނައިބުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އިތުބާތު އެބައޮތްކަމަށެވެ.
ރާއްޖެއާއި މޮރީޝަސްގެ ކަނޑުގެ ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލަ، ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، ރާއްޖެއިން ހުށައެޅިގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ވަނީ ނިންމާފައެވެ. ކަނޑުގެ ފުށުއަރާ ސަރަޙައްދުން ބޮޑު ބައި ކާމިޔާބުކުރީ ރާއްޖެއިން ރަނގަޅު ގިނަ މަސައްކަތްތަކެއް ކޮށްގެންކަމުގައި ބައިނަލްއަޤްވާމީ ވަކީލުންވެސް ހާމަކުރައްވާފައިވެއެވެ.
ރާއްޖެ އާއި މޮރީޝަސްއާއި ދެމެދު ފުށުއަރާ ސަރަޙައްދުގައި 95000 އަކަ ކިލޯމީޓަރުގެ ސަރަޙައްދު ހިމެނެއެވެ. ސަރަޙައްދުގެ 47000 އަކަ ކިލޯމީޓަރު ވަނީ ރާއްޖޭގެ އިމުގެ ގޮތުގައި އިޓްލޮސްއިން ކަނޑައަޅާފައެވެ. މޮރިޝަސްއަށް ލިބިފައިވަނީ 45000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެވެ. އިން ކަނޑައަޅުމުގެ މައްސަލަ ކާމިޔާބުކުރުމަށް ރާއްޖެއިން ކުރި މަސައްކަތަށް ޤާނޫނީ ވަކީލުންވެސް ވަނީ ތަޢުރީފް ކުރައްވާފައެވެ.
ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ވެރިކަންކުރާ މައި ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީންވެސް ވަނީ ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތުގެ މައްޗަށް އެޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް ހާމަކޮށްފައެވެ. އެމްޑީޕީން ބުނީ ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށެވެ.
ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ކަނޑައެޅި ދިވެހިރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ބައިނަލްއަޤްވާމީ ޓްރަބިއުނަލް، އިޓްލޮސްއިން ނިމިގެން ދިއުމަކީ ބަންޑާރަ ނައިބުގެ ޓީމުން ދިވެހި ދައުލަތުގެ ހައްގުގައި ކުރެއްވި އިޚްލާސްތެރި އަދި ކާމިޔާބީ ހާސިލްވި މަސައްކަތެއް ކަމަށް އެމްޑީޕީން ބުންޏެވެ.
މިހާތަނަށްވެސް ބަންޑާރަ ނައިބް މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޢަމަލުކުރައްވާފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނުތައް ނަގަހައްޓަވައި ޤައުމީ މަސްލަހަތު އިސްކުރައްވައިގެން ކަމަށް އެޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ މި މައްސަލަ ކާމިޔާބުވިޔަ ނުދެއްވާނެކަމަށެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރައްވައި ބަންޑާރަ ނައިބު ކުރެއްވި މަސައްކަތްޕުޅާ ގުޅުވައި ނަގަން އުޅޭ އިތުބާރު ނެތް ކަމުގެ ވޯޓާ ދެކޮޅަށް, ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުއާ އެކުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕް އޮތްކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ 43 މެމްބަރުންގެ އަޤްލަބިއްޔަތު ބޭނުންވާއިރު އިދިކޮޅު ފަރާތްތަކަށް އޮތީ 29 މެންބަރުންގެ ތާއީދެވެ. އަދި ސަރުކާރަށް ތާޢީދުކުރާ މެންބަރުންގެ ޢަދަދު 56އަށް އަރައެވެ.