މި މަހުގެ 24 ވަނަ ދުވަހާއި ހަމައަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ދަށަށް ގޮސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މޭމަހު ފަތުރުވެރިން އައި އަދަދު މިދިޔަ އަހަރުގެ މޭމަހާއި އަޅާބަލާއިރު 6 އިންސައްތަ ވަނީ ދަށްވެފައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހު 1 އިން 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 94،604 ފަތުރުވެރިން ވަނީ އައިސްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދަކީ 100230 އެވެ.
މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މޭމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށްވިނަމަވެސް ކޯވިޑްގެ ކުރިން 2019 ވަނަ އަހަރާއި އަޅާބަލާއިރު ވަނީ ރަނގަޅު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 81،889 ފަތުރުވެރިންނެވެ. އެހެންކަމުން 2019 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރު 12،715 ފަތުރުވެރިން ވަނީ އިތުރުވެފައެވެ.
2022 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އެ އަދަދުތައް ހުރީ 10 ނުވަތަ 30 އިންސައްތަ މަތީގައިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ޖަނަވަރީ - 172،499 ފަތުރުވެރިން
ފެބްރުއަރީ - 177،915 ފަތުރުވެރިން
މާރޗް - 173،514 ފަތުރުވެރިން
އޭޕްރީލް - 164،357 ފަތުރުވެރިން
ޖަނަވަރީ - 131،765 ފަތުރުވެރިން
ފެބްރުއަރީ - 149،011 ފަތުރުވެރިން
މާރޗް - 150،748 ފަތުރުވެރިން
އޭޕްރީލް - 145،280 ފަތުރުވެރިން
އަހަރުގެ އެހެން މަސްމަހާއި އަޅާބަލާއިރު މިމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ދަށްވެފައިވަނީ އިންޑިއާގެ ބައެއް މަންޒިލްތަކުން ރާއްޖެ އަންނަ އެއަރލައިންތައް ދަށްވުމުގެ ސަބަބުންނެވެ. އިންޑިއާއަކީ ރާއްޖެއަށް މިހާރު 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެކެވެ. އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 89619 ފަތުރުވެރިން ވަނީ އައިސްފައެވެ.
މޭމަހުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މޭމަހާއި އަޅާބަލާއިރު ދަށްވި ނަމަވެސް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 782،889 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 677،034 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %15.6 އިތުރުވުމެކެވެ.