އަންނަ އަންގާރަ ދުވަހުން ފެށިގެން ހދ.ކުޅުދުއްފުށި އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ކުރުމަށް ނިންމާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ. ކުޅުދުއްފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ކުރިން ބާއްވަންޖެހޭ ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
ކުރީ ސަރުކާރުން ކުޅުދުއްފުށީގައި އެއަރޕޯޓެއް ތަރައްޤީކުރިނަމަވެސް އެ އެއަރޕޯޓަށް ރޭގަނޑު ދަތުރުނުކުރެވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވާތީ، މި ސަރުކާރުން މިހާރު ވަނީ ހދ.ކުޅުދުއްފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުކުރެވޭ ވަރަށް އެ އެއަރޕޯޓް ތަރައްޤީކުރައްވާފައެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، މިމަހުގެ 30 ވަނަ ދުވަހު ކުޅުދުއްފުށި އެއަރޕޯޓަށް ރޭގަނޑު ދަތުރު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދަތުރުތައް ހަފްތާގެ ހުރިހައި ދުވަހަކު އޮންނާނެކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
މޯލްޑިިވިއަނުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ކުޅުދުއްފުށްޓަށް ފުރާނީ އިރޮއޮއްސި 18:50 ގައިކަމަށެވެ. އަދި ކުޅުދުއްފުށިން މާލެއަންނަން ފުރާނީ ރޭގަނޑު 20:15 ގައިކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ކުޅުދުއްފުށީ އެއަރޕޯޓުގެ އިތުރުން، ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ހިންގާ އެހެން އެއަރޕޯޓްތަކަށްވެސް ރޭގަނޑުގެ ޝެޑިއުލް ދަތުރުތައް ފެށުމަށް އެކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އަންނަ 6 އެއަރޕޯޓްގެ ތެރެއިން ހަތަރު އެއަރޕޯޓަށް މިހާރު ރޭގަނޑު ދަތުރުތައް ކުރެއެވެ. އެއީ ގދ.ފަރެސްމާތޮޑާއާއި ފުވައްމުލައް ސިޓީ، އަދި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓެވެ.
އަދި ހއ. ހޯރަފުށި އަދި ގދ.މާވަރުލު އެއަރޕޯޓްގައި ވެސް ރޭގަނޑު ދަތުރުކުރެވޭ ގޮތަށް، ނައިޓް ލޭންޑިން ސިސްޓަމް ޤައިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުންޏެވެ.