ނ. މަނަދޫ އަތޮޅު ހޮސްޕިޓަލުގައި އައި.ސީ.ޔޫއެއް ޤާއިމްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ އެލް.އެމް.އެސް ނަމަކަށްކިޔާ ދިވެހި ކުންފުންޏަކާއެކެވެ.
4.6 މިލިޔަން ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 150 ދުވަހުން މަސައްކަތް ނިންމާގޮތަށެއެވެ.
މަނަދޫގައި އައިސީޔޫއެއް ޤާއިމްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާއިރު މަނަދޫ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އެހޮސްޕިޓަލުގައި އޯޕީޑީ 6 ކޮޓަރިއާއި ލެބޯޓަރީއެއް ވަނީ އިމާރާތްކޮށްފައެވެ. އަދި އައު ހޮސްޕިޓަލެއްވެސް އެ ރަށުގައި އިމާރާތްކުރުމަށް ވަނީ ނިންމާފައެވެ. އެ ޢިމާރާތުގެ ޑިޒައިން މަސައްކަތް މިހާރު ވަނީ ބަޔަކާ ޙަވާލުކޮށްފައެވެ.