މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖަޕާނަށްވުރެ ގިނައިން ޗައިނާއިން ކާރު އެކްސްޕޯޓްކޮށްފައިވާކަމަށް ޗައިނާގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފިއެވެ.
އެންމެ ގިނައިން ކާރު އެކްސްޕޯޓްކުރާ ޤައުމުގެ ގޮތުގައި އޮތް ޖަޕާނު ފަހަތަށް ޖައްސާލުމަށްފަހު، މާކެޓްގެ ކުރި ޗައިނާއިން ހޯދި މިއީ ފުރަތަމަ ފަހަރެވެ.
މިދިޔަ ހަފްތާގައި އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ޗައިނާއިން ވަނީ 1.07 މިލިއަން ކާރު އެކްސްޕޯޓްކޮށްފައެވެ. މިއީ ޖަޕާނުން ފުރަތަމަ 3 މަސްދުވަހު އެކްސްޕޯޓްކުރި 9 ލައްކަ 54 ހާސް ކާރާއި އަޅަބަލާއިރު އިތުރު އަދަދެކެވެ.
ޗައިނާއިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކްސްޕޯޓްކުރި ކާރުގެ އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ޤައުމުން ކާރު އެކްސްޕޯޓްކުރި މިންވަރާއި އަޅާބަލާއިރު 58 އިިންސައްތަ އިތުރު އަދަދެކެވެ.
ޗައިނާއިން ކާރު އެކްސްޕޯޓްކުރާ މިންވަރު މައްޗަށް ގޮސްފައިވަނީ އިލެކްޓްރިކް ކާރަށް އޮންނަ ޑިމާންޑް މަތިވުމުންނާއި ބޮޑެތި އެހެން ޤައުމުތަކުން ވިޔަފާރިކުރުން ހުއްޓާލާފައިވާ ރަޝިޔާއަށް ޗައިނާއިން އެކްސްޕޯޓްކުރާ މިންވަރު އިތުރުވުމުންނެވެ.
އެންމެ ގިނައިން ކާރު އުފައްދާ ޤައުމުތަކުގެ ލިސްޓުގެ ދެވަނައަށް މިިދިޔަ އަހަރު ޗައިނާ އެރީ ޖަރުމަންވިލާތް ފަހަތަށް ޖައްސާލުމަށްފަހުއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖަޕާނު ފަހަތަށް ޖައްސާލުމަށްފަހު ޗައިނާ މި ވަނީ އެންމެ ގިނައިން ކާރު އުފައްދާ ޤައުމަށްވެފައެވެ
ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން ކާރު އެކްސްޕޯޓް މާކެޓްގައި ޗައިނާއިން ކުރު މުއްދަތެއްގައި ބޮޑު ކުރިއެރުމެއް ހޯދީ ތެޔޮ ބޭނުންކުރާ ވެހިކަލްގެ ބަދަލުގައި އިލެކްޓްރިކް ވެހިކަލްތައް އުފެއްދުމަށް އިސްކަން ދިނުމުންނެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް ޗައިނާއިން އުފެއްދި އިލެކްޓްރިކް ކާރުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 90 އިންސައްތަ އިތުރެވެ.