ވިޔަފާރި

2018ގައި 1727 ޓަނުގައި ހުރި މިފްކޯގެ ކެޕޭސިޓީ، މިހާރު 5027 ޓަނުގައި!


މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން މިފްކޯގެ މަސް ރައްކާކުރާ ކެޕޭސިޓީ 1727 ޓަނުން 5027 ޓަނަށް އިތުރުކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މިއަހަރު ނިމޭއިރު މިފްކޯގެ އުޅަނދުތަކުގައި މަސް ރައްކާކުރުމުގެ ކެޕޭސިޓީ 5887 މެޓްރިކް ޓަނަށް އިތުރުވެގެންދާނެކަމަށެވެ.

މިފްކޯގެ ޖަރީރާ 103 ބޯޓު އޮޕަރޭޝަނަށް ގެނައުމަށް ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މިފްކޯގެ އުޅަނދުތަކުގައި މަސް ރައްކާކުރެވޭ ކެޕޭސިޓީއަށް އައިސްފައިވާ ކުރިއެރުންތައް ވަރަށް ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވާފައެެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، 2018 ވަނަ އަހަރު ނިމުނުއިރު މިފްކޯގެ އުޅަންދުތަކުގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ ހުރީ އެންމެ 1727 މެޓްރިކް ޓަނުގައި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު މި ކެޕޭސިޓީ ވަނީ 167 އިންސައްތަ ނުވަތަ 4707 މެޓްރިކް ޓަނަށް އިތުރުކުރެވިފައިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފްކޯއިން އަލަށް ގެނެސް ބޭނުންކުރަން ފެށި "ޖަޒީރާ 103" ބޯޓާއިއެކު މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ 5027 މެޓްރިކް ޓަނަށް އިތުރުވެގެންގޮސްފައިވާކަމަށެވެ.

"މި ޖަޒީރާ 103 އާއިއެކު މިފްކޯގެ އުޅަނދުތަކުގެ މަސް ރައްކާކުރެވޭ ކެޕޭސިޓީ މިވަނީ ޖުމްލަ 5027 މެޓްރިކް ޓަނަށް އަރާފައި. އިތުރު 3 އުޅަނދު މިއަހަރުގެ 4 ވަނަ ކުއާޓަރގެ ކުރީކޮޅު ރާއްޖެ ގެނެސް އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތް މިހާރުވެސް އެދަނީ ކުރަމުން. މިއާއިއެކު މިފްކޯގެ އުޅަނދުތަކުގެ ކެޕޭސިޓީ 860 މެޓްރިކް ޓަނުން އިތުރުވެ ޖުމްލަ 5887 މެޓްރިކް ޓަނަށް އިރުވެގެންދާނެ. ވީމާ މި 5 އަހަރުގެ ތެރޭގައި މަސް ގަތުމުގެ ކެޕޭސިޓީ މި އިތުރުވަނީ އޭގެ ކުރީގެ ހުރިހައި އަހަރުތަކެއްގައި ކެޕޭސިޓީ އުފެއްދުނު އަދަދާއި ނުބައްދަލްކޮށް 2018 ވަނަ އަހަރު ނިމުނުއިރު ހުރި ކެޕޭސިޓީއާއި އަޅާބަލާއިރު މިހާރު މިވަނީ ގާތްގަނޑަކަށް 241 އިންސައްތައިން ކުރިއަރާފައި." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، މިފްކޯގެ ބޯޓުތަކުގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމުގެ އިތުރުން މި ސަރުކާރުން މިފްކޯގެ އުޅަނދުތަކައި މަސް ގަނޑުކުރެވޭ ކެޕޭސިޓީވެސް އިތުރުކޮށްދެއްވާފައިވާކަމަށެވެ. އަދި 2018 ވަނަ އަހަރު މަސް ގަނޑުކުރެވޭ ކެޕޭސިޓީ ހުރީ އެންމެ 80 މެޓްރިކް ޓަނުގައިކަން ފާހަގަކުރައްވައި މިނިސްޓަރ އަމީރު ވިދާޅުވީ، އަލަށް ބޭނުންކުރަން ފެށި ބޯޓާއިއެކު މިފްކޯގެ ބޯޓުތަކުގައި މަސް ގަނޑުކުރެވޭ ކެޕޭސިޓީ 290 މެޓްރިކް ޓަނަށް އިތުރުކުރެވިފައިވާކަމަށެވެ.

"ޖަޒީރާ 103 އާއިއެކު މިފްކޯގެ އުޅަނދުތަކުގައި މަސް ގަނޑުކުރެވޭ ކެޕޭސިޓީ 290 މެޓްރިކް ޓަނަށް އިތުރުވެފައިވާއިރު މިހާރު ގެނައުމަށް މަސައްކަތްކުރާ 3 އުޅަނދު އޮޕަރޭޝަންއަށް ގެނެވުމުން މި ކެޕޭސިޓީ 2018 ވަނަ އަހަރު ނިމުނުއިރާ އަޅާބަލާއިރު 6 ގުނަ އިތުރުކުރެވި ޖުމްލަ 500 މެޓްރިކް ޓަނަށް އަރާނެ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މިފްކޯގެ ހިންގުން ހަރުދަނާކޮށް، މިފްކޯއިން ދޭ ޙިދުމަތްތައް ފަސޭހަކަމާއެކު މަސްވެރިންނަށް ފޯރުކޮށްދެވޭނެ ޒަމާނީ ވަސީލަތްތައް ޤާއިމް ކުރުމަށްޓަކައި، ސަރުކާރުން ފައްޓަވާފައިވާ ބިޔަ މަޝްރޫޢުތަކަކީ، މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ މަޝްރޫޢުތަކެއް ކަމަށެވެ.

ދެކުނުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި އިސްމާއިލް ވިދާޅުވީ، ކޫއްޑޫގައި މިހާރުހުރި 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ޖާގައިގެ އިތުރުން، އިތުރު 4000 ޓަނުގެ ކޯލްޑް ސްޓޯރެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ. އަދި ކޫއްޑޫ ބަނދަރު ބޮޑުކޮށް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާކަންވެސް އިސްމާއިލް ފާހަގަކުރެއްވިއެވެ.

"މިފްކޯއާއި އެސްޓީއޯ އާއި ގުޅިގެން ކޫއްޑޫއަށް މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ދަންފަޅިއަކަށް 120 ޓަނުގެ ބްރައިން ފްރީޒްކުރެވޭ ސިސްޓަމެއް ޤާއިމްކުރުގެ ޢަމަލީ މަސައްކަތް ފެށުމަށް މިދަނީ ތައްޔާރުވަމުން، އަދި އިތުރު މާކެޓުތަކަށް މަސްފޮނުވުމަށް ފަސޭކުރުމަށް ފުރަތަމަ ފޭސްގައި 50 ރީފަރ ކޮންޓެއިނަރުގެ ޔާޑެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީކުރެވެމުން." މިފްކޯގެ ސީއީއޯ ވިދާޅުވިއެވެ.

މިފްކޯއިން މަސްކިރުމަށް ބޭނުންކުރަން ފަށާފައިވާ ޖަޒީރާ 103 ބޯޓަކީ އެއްފަހަރާ 120 ޓަނުގެ މަސް ކިރުވައި، 420 ޓަނުގެ މަސް ރައްކާކުރެވޭ ޖާގައިގެ ބޯޓެކެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ސައިޒު ބޮޑުވެ، މަސްވެރިން ބާނާ މަހުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިކަމާއި ގުޅިގެން މިފްކޯގެ މަސްކިރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.