ރާއްޖޭގައި ޙަރަކާތްތެރިވާ އެއަރލައިން އޮޕަރޭޓަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި އާ އެއަރލައިން ކޮމްޕްލެކްސްއެއް ބިނާކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އިއްޔެ ހަވާލުކުރައްވައިފިއެވެ.
އާ އެއަރލައިން އޮފީސްތަކުގެ އެކުވެންޏެއް އެޅުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާއެވެ. އަދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ، އަލަށް ހައްދަވާ އިމާރާތުގައި ރާއްޖޭގައި މިހާރު އޮޕަރޭޓު ކުރަމުންދާ އެއަރލައިންތަކަށް ބޭނުންވާ އޮފީސްތަކާއި، ސެކިއުރިޓީ ކަންތައްތަކަށް ޚާއްސަކުރެވިފައިވާ ސެންޓަރަކާއި، އެކުންފުނީގެ އޮފީސް ބޭނުންތަކަށް ޚާއްސަ ކުރެވިފައިވާ ޖާގައިގެ އިތުރުން، މުވައްޒަފުންނަށް އިތުރު ކެންޓީނެއް ހުންނާނެކަމަށެވެ. އަދި މި އަހަރުގެ ނިޔަލަށް މި ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިމި ބޭނުންކުރެވޭ ވަރު ވާނެކަމަށާއި، މި އިމާރާތުގެ ސަބަބުން، މިހާރު އެއަރލައިން އޮޕަރޭޓަރުންނަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށްވެސް ޢާދިލް ވިދާޅުވިއެވެ.
އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިންގެ ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވީ، ޒަމާނީ ފެންވަރަކަށް ބިނާކުރާ އެއަރލައިން ކޮމްޕްލެކްސްގެ ޢިމާރާތް ކަނޑައެޅިފައިވާ ތާރީޚަށް ނިންމާލެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.
ގާތްގަނޑަކަށް 56 މިލިއަން ރުފިޔާ ޙަރަދުކޮށްގެން އަޅާ އެއަރލައިން ކޮމްޕްލެކްސްގެ އާ އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ޙަވާލުކުރައްވާފައިވަނީ 8 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.