އޭދަފުށީ ކްލަބް ކޮމްބިނޭޝަން، ސީސީއިން އިންތިޒާމުކޮށްގެން އެއަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން އިންޓަރ ރިސޯޓް ކްރިކެޓް މުބާރާތެއް ފަށައިފިއެވެ.
މި މުބާރާތް ފައްޓަވައިދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުއެވެ.
މޯލްޑިވްސް ކްރިކެޓް ބޯޑާ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި އެ އަތޮޅުގެ 6 ރިސޯޓަކުން ބައިވެރިވެއެވެ. ބ.އަތޮޅުގެ ރިސޯޓްތަކުގައި އުޅޭ ބިދޭސީންގެ ބައިވެރިވުން ކުޅިވަރުގައި އިތުރުކޮށް ރިސޯޓްތަކާއި އެ ޖަމްއިއްޔާއާއި އޮންނަ ގުޅުން ބަދަހިކޮށް ކްރިކެޓްގެ ފޯރި އޭދަފުށީގައި އާލާކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ އަމިއްލަ މޯލްޑިވްސް އާ މިލައިދޫ މޯލްޑިވްސްއެވެ.
މި މެޗުން ޓޮސް ދިމާވެގެން އަމިއްލަ މޯލްޑިވްސް ގަސްތުރުކީ ހޮވާށެވެ. މިލައިދޫ ޓީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން ހެދުނީ 131 ލަނޑެވެ. ޖަވާބުގައި ކުޅެންއަރައި އަމިއްލަފުށި ޓީމުން 8 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 124 ލަނޑެވެ.
މި މެޗްގައި އެންމެ ގިނަ ލަނޑު ހެދީ 64 ހަދައިދިން މިލައިދޫގެ ޓީމްގެ ރޮހާން ޖަޔަންތާއެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އޭނާއެވެ.
މި މުބާރާތުގެ އިއްޔެ ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ ވެސްޓިން މޯލްޑިވްސް އާއި ފިނޮޅު މޯލްޑިވްސްއެވެ. މި މެޗުގައި ޓޮސްދިމާވެގެން ފިނޮޅު ޓީމުން ގަސްތުކުރީ ހޮވާށެވެ. ވެސްޓިން ޓީމުން ކުޅެންއަރައި 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރި ނުބައިވެގެން އެޓީމަށް ހެދުނީ 147 ލަނޑެވެ.
ޖަވާބުގައި ކުޅެން އަރައި ފިނޮޅު ޓީމުން 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން ހެދުނީ 134 ލަނޑެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަަށް ހޮވުނީ 81 ލަނޑު ވެސްޓިން ޓީމަށް ހަދައިދިން ދީޕަކްއެވެ.
2 ގްރޫޕްއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި މިއަދު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދުސިއްތާނީ މޯލްޑިވްސް އާއި މިލައިދޫ މޯލްޑިވްސްއެވެ. މިއީ މިލައިދޫގެ ދެވަނަ މެޗެވެ. އަދި ދުސިއްތާނީގެ ފުރަތަމަ މެޗެވެ. މިއަދު ކުޅޭ ދެވަނަ މެޗްގައި ބައްދަލުކުރާނީ ވެސްޓިން މޯލްޑިވްސްއާއި ސޮނޭވާފުށި ރިސޯޓްގެ ޓީމެވެ.
މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޗެމްޕިއަން ޓީމަށް ޝީލްޑްއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.