ވިލާ ފައުންޑޭޝަނުން ރާއްޖޭގެ ނަރުހުންގެ ޖަމްޢީއްޔާއާއި ގުޅިގެން ނަރުހުންނަށް ހާއްސަކޮށްގެން ސްކޮލަޝިޕް ސްކީމެއް ތައާރަފްކޮށްފިއެވެ. މި ސްކީމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހަށް އަމާޒުކޮށްގެން މި މަހުގެ 12 ވަނަ ދުވަހުއެވެ.
ނަރުހުންނަކީ ޞިއްޙީ ދާއިރާއަށް މެދުކެނޑުމެއްނެތި މިންނެތް މަސައްކަތް ކުރަމުން އަންނަ ބައެކެވެ. ހޮސްޕިޓަލާއި ކްލިނިކްތަކުގައި ބަލިމީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި އެތަކެއް ގަޑިއިރު ޚިދުމަތުގައި ތިބޭ ބައެކެވެ. ކޯވިޑް-19 ފަދަ ބަލިމަޑުކަމުގެ ތެރޭގައި ނަރުހުންވަނީ އެންމެ ކުރީ ސަފުގައި ޑޮކްޓަރުންނާއި އެކު ހިތްވަރުގަދަ މަސައްކަތްތަކެއްކުރައްވާފައެވެ.
ވިލާ ފައުންޑޭޝަނުން ނަރުހުންނަށް ޚާއްޞަކޮށްގެން ތަޢާރަފްކުރި ސްކޮލަރޝިޕާއި ގުޅިގެން ވިލާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު ޙަމީދު ވިދާޅުވީ، ނަރުހުންނަކީ މުޖުތަމަޢުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ. މި ސްކޮލަޝިޕް ސްކީމުގެ ސަބަބުން ނަރުސްކަން ކިޔަވަން ބޭނުންވާ ދަރިވަރުނަށް އު ފުރުޞަތު ފަހިވެ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އަގުހުރި މަސައްކަތެއް ކޮށްދެވޭނެ ކަމަށް އުންމީދު ކުރާކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ނަރުހުންގެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޝިފާނާ ވިދާޅުވީ، ވިލާ ފައުންޑޭޝަނާ ގުޅިގެން މި ސްކޮލަޝިޕް ސްކީމް ތަޢާރަފް ކުރުމަކީ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި ނަރުހުންގެ ތަޢުލީމަށް އިންވެސްޓްކުރުމަކީ ރާއްޖޭގައި ސިއްޙީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި ސްކީމްގެ ދަށުން ވިލާ ކޮލެޖުގައި ޑިޕްލޮމާ އިން ނާސިން ކޯސް ހަދަމުންދާ ދަރިވަރުންނަށް އަހަރަކު ތިން ސްކޮލަޝިޕް ދިނުމަށް ވަނީ ނިންމާފައެވެ.
އޭގެތެރޭގައި އަންހެންނަށް ހާއްސަކޮށްގެން ދެ ސްކޮލަޝިޕް އަދި ފިރިހެނުނަށް ހާއްސަކޮށްގެން އެއް ސްކޮލަޝިޕް ލިބޭނެކަށް ވިލާ ފައުންޑޭޝަނުން ބުނެއެވެ.
ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާ (އެމް.އެން.އޭ) އަކީ ރާއްޖޭގައި ނަރުހުންގެ ދާއިރާއަށް އެއްބާރުލުންދީ ކުރިއެރުވުމަށް މަސައްކަތްކުރާ އެންމެ މަތީ ފަންތީގެ އެއް ޖަމިއްޔާއެވެ. ނަރުހުންގެ ޖަމިއްޔާއިން ފާހަގަކުރާ ގޮތުގައި މިއީ ނަރުހުންގެ ޖަމިއްޔާގެ އިރުޝާދުގެ މަތިން ނަރުސްކަން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެކެވެ.