ރާއްޖެ އަންނަ ފަތުރުވެރިން ބޭނުންވަނީ ބޮޑެތި އުސް ޢިމާރާތްތަކެއް ނޫންކަމަށާއި، އެމީހުން ރާއްޖެ އަންނަނީ ރާއްޖޭގެ ޤުދުރަތީ ރީތިކަން ދެކިލަންކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
7ވަނަ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަންގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަޙްމަދު ޞާލިޙް ވަނީ، ރާއްޖޭގެ އިޤްތިސާދުގެ އެންމެ މުހިންމު ހިއްސާއެއް އަދާކުރަނީ ފަތުރުވެރިކަން ކަމަށް ފާހަގަކުރައްވާފައެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން ބޭނުންވަނީ ކަނޑުއަޑީގެ ރީތިކަމާއި ޤުދުރަތީ ރީތިކަންކަން ދެކިލަންކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. ދުނިޔޭގެ ފިނި ޤައުމުތަކުގެ މީހުން ރާއްޖެ އަންނަނީ ރާއްޖޭގެ މި ހޫނު މާހައުލު ތަޖުރިބާކޮށްލަންކަން ފާހަގަކުރައްވައި އަޙްމަދު ޞާލިޙް ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންގެ %30 މީހުން ޑައިވްކުރަން ދާކަމަށެވެ. އަދި %60 ފަތުރުވެރިން ސްނޯކްލިންއަށް ދާކަމަށްވެސް އަޙްމަދު ޞާލިޙް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ފަރާތްތަކުން ތިމާވެއްޓާއި މެދު ވަރަށް ބޮޑަށް ވިސްނާފައި އެބަހުރިކަމަށެވެ. އެގޮތުން ވަކިވަކި ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމާއި، ރަށުގެ %30 ގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އޮތް އޮތުން އޭނާ ފާހަގަކުރެއްވިއެވެ.
ކޮންމެ ރިސޯޓެއްގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ތަރައްޤީކުރެވޭނެ އެނދުގެ ޢަދަދު ކަނޑައަޅަނީ އެ ރަށެއްގެ ބިމުގެ ބޮޑުމިނަށް ބަލައިގެންނެވެ. އަޙްމަދު ޞާލިޙް ވިދާޅުވީ، ބޮޑެތި ހޮޓެލްތައް ރާއްޖޭގެ ރިސޯޓްތަކުގައި ނުހުންނަނީ ކީތްވެތޯ ބައެއް މީހުން ސުވާލު އުފައްދާކަމަށެވެ. ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިން ބޭނުންވަނީ ބޮޑެތި އުސް ޢިމާރާތްތަކެއް ނޫންކަމަށާއި އެމީހުން ތަޖުރިބާކުރަން ބޭނުންވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަންކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
“އެހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކާމިޔާބު އެއްކަމަކީ ރިސޯޓްތަކުގައި ބޮޑެތި ޢިމާރާތްތައް ފެންނަން ނެތުން. އަހަރެމެންނަށްވެސް މިކަން ފަސޭހަކަމާއިއެކު ކުރެވިދާނެ. މާލެއިން ފެންނަނީ މި މަންޒަރު. ނަމަވެސް ފަތުރުވެރިން ރާއްޖެ އަންނަނީ އެހެން މަންޒިލްތަކާއި ރާއްޖެ ތަފާތުވުމުން.” އަޙްމަދު ޞާލިޙް ވިދާޅުވިއެވެ.
ފަތުރުވެރިކަމަށް އެއްވެސް އަސަރެއްކޮށްފިނަމަ އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިސާދަށް ކުރެއެވެ. މާޒީގައި އެ މަންޒަރު ވަނީ ފެށިފައެވެ. އަޙްމަދު ޞާލިޙް ވިދާޅުވީ، ސުނާމީ ކާރިސާއާއި ކޯވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އަސަރެއްކޮށްފައިވާކަމަށެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިން އޮތް ޙާލަތައް ވަރަށް އަވަހަށް އިއާދަވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން %20 މިހާރު ކުރިއަރާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަޙްމަދު ޞާލިޙް ވިދާޅުވިއެވެ.