ދުނިޔޭގެ ވިޔަފާރި

އެޕަލްގެ ވިޔަފާރި ދަށްވިނަމަވެސް އައިފޯނަށް އޮތް ޑިމާންޑު ބޮޑު


ދުނިޔޭގެ އިގްތިސާދީ ދުވެލި މަޑުޖެހޭވަރަކަށް ފޯނު އުފައްދާ ކުންފުނި އެޕަލްގެ ވިޔަފާރިވެސް ދަށްވަމުން އަންނަކަމަށް އެކުންފުނިން ރިޕޯޓުކޮށްފިއެވެ.

އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ އާމްދަނީ 3 އިންސައްތައަށް ދަށްވެ، 94.8 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާކަމަށް އެޕަލްއިން ބުނެއެވެ. މިއާއިއެކު މިއީ އެކުންފުނީގެ ވިޔަފާރި ކުއާޓަރުގައި ވިދިވިދިގެން ދަށްވާ ދެވަނަ ފަހަރެވެ. ނަމަވެސް އެޕަލްއިން އުފައްދާ އައި ފޯންތަކަށް ޑިމާންޑް އިތުރުވުމުގެ ސަބަބުން ވިޔަފާރި ދަށްވިނަމަވެސް ކުންފުންޏަށް މާބޮޑު ބިރެއް ނެތެވެ.

ދިރާސާކުރާ ފަރާތްތަކާއި ވާހަކަފުޅު ދައްކަވަމުން އެޕަލްގެ ވެރިޔާ ޓިމް ކުކް ވަނީ ކުންފުނީގެ އިންޑިއާގެ ވިޔަފާރީގެ ކުރިއެރުމަށް އަލިއަޅުއްވާލާފައެވެ. އިންޑިއާއަކީ މިހާރު އެޕަލްއިން ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރާ ގައުމެކެވެ. އަދި ދާދިފަހުން ވަނީ އެޕަލްގެ ފުރަތަމަ ފިހާރަ އިންޑިއާގައި ހުޅުވާފައެވެ.

ޖެނުއަރީއިން މާޗްގެ ނިޔަލަށް ހޭދަވާ މުއްދަތުގައި ކުންފުނީގެ ވިޔަފާރި %5 އަށް ދަށްވެދާނެކަމަށް އިންވެސްޓަރުންނަށް އެޕަލްއިން ވަނީ އަންގާފައެވެ. ނަމަވެސް މި ނަތީޖާތަކަށް ކުރިއެރުން ލިބުނީ އައިފޯން ވިއްކުމުގެ ނިސްބަތް އަހަރުން އަހަރަށް ބަލާއިރު %1.5 އިތުރުވެ 51.3 ބިލިއަން އެމެރިކާ ޑޮލަރަށް އެރުމުންކަމަށް އެޕަލްއިން ބުނެއެވެ.

އެޕަލް މިއުޒިކް، އެޕަލް ނިއުސް އަދި އެޕަލް ޕޭ ހިމެނޭ އެޕަލްގެ ހިދުމަތްތައްދޭ ޔުނިޓްގެ ވިޔަފާރި އަހަރުން އަހަރަށް ބަލާއިރު %5 އަށް އިތުރުވެ، 20 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ.

ޔޫރަޕްގައި އެޕަލްގެ ވިޔަފާރިއަށް ވަނީ %2ގެ ކުރިއެރުމެއް ލިބިފައެވެ. ނަމަވެސް އެޕަލްގެ އެންމެ ބޮޑު މާކެޓް ކަމަށްވާ އެމެރިކާގެ ވިޔަފާރި ވަނީ %7 އަށްވުރެ ދަށަށް ގޮސްފައެވެ. އަދި ފައިދާ ވެސް ވަނީ %3 އަށް ވުރެ ދަށްވެ، ގާތްގަނޑަކަށް 24.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.