ރޭ މެންދަމުންފެށިގެން ހުއްޓާނުލާ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގެ ބޮޑު ބައެއްގައި ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފިއެވެ.
އެގޮތުން ފޭދޫ އަދި ހިތަދޫގެ ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކެނޑިފައިވާއިރު ، ބައެއް ސްކޫލްތަކުގެ އިތުރު ޙަރަކާތްތައްވެސް ކުރިއަށް ނުގެންދެވޭނެތީ ވަނީ ކެންސަލްކޮށްފައެވެ.
އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެއްވިގޮތުގައި ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވެފައިވަނީ އައްޑޫ ސިޓީގެ ފޭދޫ އަވަށުގެ ގެތަކަށެވެ. ގޭގޭގައި ފެން ބޮޑުވުމުގެ ސަބަބުން ހިފައި ގެންގުޅޭ ތަކެއްޗާއި ، މުދަލަށްވެސް ގެއްލުންލިބިފައިވެއެވެ.
ޑިޒާސްޓަރ މެނޭޖެމްންޓް ސެންޓަރުން މިހާރު ދަނީ އައްޑޫ ސިޓީއަށް ލިބުނުގެއްލުންތަކުގެ މައުލޫމާތުހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ، ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި އެންމެ އައްޑޫ ސިޓީގެ 75 އިން ސައްތަ ގޭގޭގައި ފެންބޮޑުވެފައިވާ ކަމަށެވެ.
ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އަދި ފުލުހުން އަދި އެހެނިހެން މުއައްސަސާތަކުގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންދާކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއްވައެވެ. ސިޓީ ކައުންސިލުން މައުލޫމާތުދެއްވިގޮތުގައި ، ލިބިފައިވާ ގެއްލުންތަކުގެ ތަފްޞީލް މިހާރު ކައުންސިލުން ކުރިއަށް އެނަގެންދަވާ. އަދި ކޮންމެ ރަށަކުންވެސް އެ ރަށުގެ އަވަށު އޮފީހަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްޞީލް އެންގުމަށް އެދި ވަޑައިގަންނަވައެވެ.
މެދު ރާއްޖެތެރެއާއި، ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހެނދުނުން ފެށިގެން މެންދުރު ކުރި 11:45 އާއި ހަމައަށް މެޓްއޮފީހުން ޔެލޯ އެލާޓް ވެސް ނެރުއްވިއެވެ. މޫސުމާއި ބެހޭ ޤައުމި އިދާރާ، ނޭޝަނަލް މީޓްރިއަލޮޖިކަލް ސަރވިސްއިން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހި، ކަނޑުތައް ގަދަވާނެ ކަމަށް. އަދި ޚާއްސަކޮށް ދެކުނުގެ ހަތަރު އަތޮޅުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. މެދުރާއްޖެތެރެއާއި ދެކުނަށް ކުރަމުންދާ ވިއްސާރައިގައި މެދުތެރެއާއި ދެކުނުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރޭވޭތީ، މިސަރަޙައްދުތަކުގެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ތިއްބެވުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރައްވާފައިވެއެވެ.