ހަރުކަށި ފިކުރު ހުއްޓުވުމަށް އެކުލަވާލާފައިވާ ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ކަމާއި ގުޅުންހުރި އިދާރާތަކުގެ އެއްބާރުލުން އިތުރުކުރުމުގެ މަސައްކަތު ބައްދަލުވުމެއް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ފަށައިފިއެވެ. 
ޔޫއެންޑީޕީގެ ފަންނީ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މިމަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ ހަރުކަށި ފިކުރު ހުއްޓުވުމަށް އެކުލަވާލާފައިވާ ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި މިމަސައްކަތުގައި ކުރިމަތިވާ އުނދަގޫތައް ދެނެގަނެ ކުރިމަގަށް މަސައްކަތްތައް ރޭވުމެވެ. 
މިބައްދަލުވުން އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަމުން ހަޔަރއެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރާއި، ޓެރަރިޒަމްގެ ކުށްތައްވެސް އޮތްކަން ޤަބޫލުކޮށް އެ ކަންކަމާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވިގެންދާކަމީ އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިފަދަ ބައްދަލުވުންތަކުގައި ދެއްވާ މައުލޫމާތާއި ޙިއްޞާކުރެވޭ ކަންކަމަކީ މިކަންކަން ހުއްޓުވުމަށް ކުރެވިގެންދާ މުހިންމު މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 
		
			މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް(ރިޓަޔާޑް) ޒަކަރިއްޔާ މަންޞޫރު، ވިދާޅުވީ ހަރުކަށި ފިކުރާއި، ޓެރަރިޒަމްގެ ހަރަކާތްތަކާއި ދުރު މުޖުތަމައަކަށް މިމުޖުތަމައު ހެދުމަށް ޤައުމީ ފެންވަރެއްގައި ނޭޝަނަލް އެކްޝަން ޕްލޭނެއް އެކުލަވާލައި، ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. 
މިމަސައްކަތުގައި މިހާތަނަށް މާލެ ސަރަޙައްދާއި އަތޮޅު ތެރޭގައި 19 ބައްދަލުވުމެއް ބާއްވަވައި 13،890 މީހަކަށް ވަނީ މައުލޫމާތު ދެއްވައިފައެވެ. އަދި މާލެ ސަރަޙައްދުން 3،470 މީހަކަށް ވަނީ މިކަމުގެ މައުލޫމާތު ޙިއްޞާކުރައްވާފައެވެ. މިފަދަ ބައްދަލުވުންތަކާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމާއި، ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. 
މި ބައްދަލުވުމުގައި މަޝްވަރާކުރެވޭ ކަންކަމުގެ ތެރޭގައި، ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒުކުރެވެމުންދާ ގޮތް މޮނިޓަރ ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމާއި، މުޅި ސަރުކާރާއި މުޅި ގައުމު އެކުގައި ހަރުކަށި ފިކުރާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ.