ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ޙިއްޞާއަކަށް 77 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ރުހުންދެއްވައިފިއެވެ.
އެސްޓީއޯގެ ބޯޑުން މިގޮތަށް ނިންމީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ. މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ޙިއްޞާއަކަށް ބެހުމަށް ނިންމި އަދަދު ފާސްކުރުން އޮންނާނީ، އެސްޓީއޯގެ އަހަރީ ޢާއްމު ޖަލްސާގައި ޙިއްޞާދާރުންގެ ވޯޓުން ފާސްވުމަށް ފަހުއެވެ.
މިދިޔަ އަހަރު އެސްޓީއޯއިން ބަހާފައިވަނީ ޙިއްޞާއަކަށް 65 ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 12 ރުފިޔާގެ އިތުރުވުމެކެވެ. 2020 ވަނަ އަހަރު އެސްޓީއޯއިން ޙިއްޞާއަކަށް ބަހާފައިވަނީ 58 ރުފިޔާއެވެ.
ނިމުނު 2022 ވަނަ އަހަރު އެސްޓީއޯއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.
Attention all Shareholders! Our Board of Directors have decided to propose a dividend of MVR77 per share for the year 2022. This proposal will be presented at our upcoming Annual General Meeting for approval. Stay tuned for more updates on #AGM2022!https://t.co/whxu3J3crf
— STO (@stoplc) April 27, 2023
އެސްޓީއޯގެ ކުއާރޓަލީ ރިޕޯޓުގައިވާ ގޮތުން، 2022 ވަނަ އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު 10.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %79 އިތުރު އަދަދެއް ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރު އެސްޓީއޯގެ ހިންގުމުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެފައިވާއިރު، މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ސާފު ފައިދާވެސް ވަނީ 2021 ވަނަ އަހަރަށްވުރެ އިތުރުވެފައިއެވެ. އެގޮތުން، 2022 ވަނަ އަހަރު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަދަދަކީ 2021 ވަނަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 486 މިލިއަން ރުފިޔާއާއި އަޅާބަލާއިރު %52.6 އިތުރު އަދަދެކެވެ.
އެސްޓީއޯއިން އަންނަނީ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުންނެވެ. ލިސްޓްކުރުމުގެ ޤަވާޢިދުގައިވާ ގޮތުން ޙިއްޞާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ޕަބްލިކް ކުންފުނިތަކުން، މާލީ އަހަރު ނިމޭތާ ފަސްމަސް ދުވަހުގެ ތެރޭގައި ނިމުނު އަހަރުގެ އަހަރީ ޢާއްމު ޖަލްސާ ބާއްވަން ޖެހެއެވެ.
އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ކުރާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.