ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އިބްރާހީމް ޝާޒު މެންބަރުކަމުގެ ހުވާކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށްޓެވުމުގެ ކުރިން މަޖިލީހުގެ އިދާރާގައި ބޭއްވެވި ރަސްމިއްޔާތެއްގައި އިބްރާހީމް ޝާޒަށް މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫންއެވެ. މެންބަރުކަމުގެ ހުވާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ޙާޟިރުގައެވެ.
މެންބަރުކަމުގެ ހުވާކުރެއްވުމަށްފަހު ޝާޒު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވަނީ ޝާޒަށާއި، އެމްޑީޕީއަށް މަރުޙަބާ ވިދަޅުވެފައެވެ.
މެންބަރުކަމުގެ ހުވާކުރެއްވުމަށްފަހު އިބްރާހީމް ޝާޒު ވިދާޅުވީ، މިއީ އެމްޑީޕީގެ ސިޔާސީ ޙަޔާތުގައި ރަން އަކުރުން ލިޔެވޭނެ ދުވަހެއްކަމަށެވެ. މަޖިލީހަށް ވަދެވަޑައިގަތީ ކުރު މުއްދަތަކަށް ކަމަށާއި، އެ މުއްދަތުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކާއި، އަދި ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވަން ހުރި މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރައްވާނެކަމަށް ޝާޒު ވިދާޅުވިއެވެ.
"ރައްޔިތުންނަށް، ޚާއްޞަކޮށް، ގުޅި ގުރައިދޫ މާފުށީ ރައްޔިތުންނަށް އަޅުގަނޑު ދޭން އޮތް މެސެޖަކީ އެއްގޮތަކަށްވެސް ކަންބޮޑުނުވާށޭ. އަޅުގަނޑު ވަދެ މިއީ މަޖިލީހުގަ މާ ރީތި ގޮނޑިއެއްގަ އިށީންނާކަށް ނޫނޭ. އަބަދުވެސް ދެމިހުންނާނީ އަޅުގަނޑުގެ ކެމްޕެއިންގައި ވީ ވަޢުދާ ރައްޔިތުންގެ އިހްސާސްތަކާއެކު 3 ރަށުގެރައްޔިތުންގެ ތަރައްޤީއާ އުއްމީދުތައް ޙާސިލްކުރުމަށް" ޝާޒު ވިދާޅުވިއެވެ.
މިމަހުގެ 15 ވަނަ ދުވަހު ބޭއްވެވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހީމް ޝާޒް ކާމިޔާބުކުރެއްވީ، ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޟާ އާދަމާއި އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ ޢާރިފާ ވާދަކުރައްވައިގެން ކުރި ހޯއްދަވައިގެންނެވެ.
ގުރައިދޫ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ އިބްރާހީމް ޝާޒަށް ވަނީ 1346 ވޯޓު ނުވަތަ ވޯޓްލީ މީހުންގެ %49.96 އިންސައްތަ ލިބިވަޑައިގެންފައެވެ. ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 1226 ވޯޓު ނުވަތަ %45.51 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 122 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ %4.53 އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަވައިފައި ވަނީ އެދާއިރާގެ ގޮނޑި ތިން ދައުރު ފުރުއްވި ޕީޕީއެމްގެ އިބްރާހީމް ރިޟާ މިދިޔަ ފެބުރުއަރީމަހު އަވަހާރަވުމާ ގުޅިގެންނެވެ. އަދި މިއީ އެމްޑީޕީން މިގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެެވެ.