ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ފްލީޓަށް އަލަށް ގެންނަ 2 ބާޖާއިއެކު ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދިނުމަށް ހުރި ދަތިތައް ހައްލުވެ މަސައްކަތް އަވަސްވެގެންދާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޤަސަމް ވިދާޅުވެއްޖެއެވެ.
2019 ވަނަ އަހަރު އެފްއެސްއެމްއިން ވަނީ މިސްރުގެ ކުންފުންޏަކާއިއެކު 4 ބާޖު ބަންނަން އެއްބަސްވުން ޤާއިމްކޮށްފައެވެ. މީގެތެރެއިން ފުރަތަމަ 2 ބާޖު މިދިޔަ އަހަރު ވަނީ އެފްއެސްއެމްއަށް ލިބިފައެވެ. އަދި ފަހު 2 ބާޖު ސުއޭޒް ކެނަލް ހުރަސްކޮށް މިހާރު ރާއްޖެއައުމަށް ވަނީ ދަތުރު ފަށާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޤަސަމް ވިދާޅުވީ، އެފްއެސްއެމްއިން ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދޭ ތެލުގެ ޢަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އެހެންކަމުން މިހާރު އޮޕަރޭޝަންގައި އަމިއްލަ ފަރާތެއްގެ ބާޖެއް ކުއްޔަށް ނަގައިގެންވެސް ޚިދުމަތްދެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
މި 2 ބާޖު ރާއްޖެ އައުމުން ކުއްޔަށް ނަގައިގެން ބޭނުންކުރަމުން އަންނަ ބާޖު ދޫކޮށްލެވޭނެކަމަށް ޤަސަމް ވިދާޅުވިއެވެ. މި 2 ބާޖު އައުމުން ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދިނުމަށް މިހާރު ހުރި ދަތިތަކަށް ބޮޑުތަނުން ހައްލެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
“މިހާރު ބާޖު އެއޮތީ ސުއޭޒް ކެނަލްގައި. 20 ދުވަހުގެ ތެރޭގައި ރާއްޖެއަށް އާދެވޭނެކަމަށް މި ބެލެވެނީ.” ޤަސަމް ވިދާޅުވިއެވެ.
އެފް.އެސް.އެމްއަށް ގެންނަ އައު 2 ބާރޖް މިހާރު ސުއެޒް ކެނަލް ހުރަސްކޮށް ރާއްޖެ އައުމަށް ދަތުރު ފަށައިފި. މި 2 ބާރޖް އެފް.އެސް.އެމްގެ ފްލީޓާއި ގުޅުމުން އެފް.އެސް.އެމް އޮޕަރޭޝަން ފުޅާ ވެގެން ދާނެ. މާރެހި އަދި ރާބުޅާ ހަމަލޮލުން ދެކިލުމަށް މިތިބީ އިންތިޒާރުގައި. pic.twitter.com/9epBO6abaw
— FSM (@FuelSuppliesMv) April 17, 2023
މި 2 ބާޖަކީ 1،80،000 ލީޓަރުގެ ޑީސަލް އަދި 40،000 އާއި 60،000 ލީޓަރުގެ ޕެޓްރޯލް ރައްކާކުރެވޭނެ ކެޕޭސިޓީ ހުންނަ ބާޖެއްކަމަށް ޤަސަމް ވިދާޅުވިއެވެ. އެފްއެސްއެމްގެ ފްލީޓްގައި މިހާރު 20 ބާޖު އޮވެއެވެ. އެ ކުންފުނީގެ ވިސްނުން ހުރީ ބޮޑެތި ބާޖުތައް ހޯދައި މިހާރު ބޭނުންކުރަމުން އަންނަ ކުދި ބާޖުތައް ދޫކޮށްލުމެވެ.
އެފްއެސްއެމްއިން މިހާރު ދުވާލެއްގެ މައްޗަށް 1 މިލިއަން ލީޓަރަށްވުރެ ގިނަ ޢަދަދެއްގެ ތެޔޮ ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދެމުންނެވެ. މިހާރު އެ ކުންފުންޏަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ކަސްޓަމަރުން ބޭނުންވާ ދުވަހަށް ތެޔޮ ފޯރުކޮށްދިނުމުގައި ހުރި ދަތިތަކެވެ. ނަމަވެސް މި 2 ބާޖު އޮޕަރޭޝަންއަށް ގެނެވުމުން މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.