ރާއްޖޭން ޙައްޖަށްދާ މީހުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުންނާއި، ޙައްޖަށް މީހުން ގެންދިއުމުގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ޙައްޖަށް މީހުން ގެންދިއުމުގެ އުޞޫލަށް ބައެއް ބަދަލުތައް ގެންނަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން ވިދާޅުވި ގޮތުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޙައްޖާޖީންނަށް ދިމާވާ މައްސަލަތައް ވީހާވެސް މަދުކުރެއްވުމަށެވެ. ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލަށް ކޮންމެ އަހަރަކުވެސް އެކި ބަދަލުތައް އިސްލާމިކް މިނިސްޓްރީން ގެންނަވައެވެ. މި ބަދަލުތައް ގެންނަވަނީ ޙައްޖަށް މީހުން ގެންދިއުމުގައި ދިމާވާ މައްސަލަތަކާއި، އިސްލާމިކް މިނިސްޓްރީން ޙައްޖާބެހޭ ތަފާތު ކަންކަމާ ގުޅިގެން ލިބޭ ޝަކުވާތަކަށް ރިޢާޔަތްކުރެއްވުމަށްފަހު ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.
މިއަހަރުވެސް އެ މިނިސްޓްރީން ވަނީ ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލަށް ގިނަ ބަދަލުތަކެއް ގެންނަވާފައެވެ. އޭގެތެރޭގައި ހިމެނޭ މުހިއްމު އެއް ބަދަލަކީ ޙައްޖަށް މީހުން ގެންދަން އެދޭ ގްރޫޕްތަކުން ޕްރޮޕޯސަލް ހުށައަޅާއިރު، ޙައްޖަށް ގެންދަން ބޭނުންވާ މީހުންގެ ބޭންކް ގެރެންޓީ ދައްކަން ނުޖެހުމެވެ. މީގެ ކުރީ އަހަރުތަކުގައި ގްރޫޕްތަކުން ޕްރޮޕޯސަލް ހުށައަޅާއިރު، އެ ގްރޫޕަކުން ގެންދާ މީހުންނަށް ބޭންކް ގެރެންޓީ ހުށައަޅަންޖެހެއެވެ. އެހެންނަމަވެސް މިއަހަރު ބޭންކް ގެރެންޓީ ހުށައަޅަން ޖެހެނީ ޕްރޮޕޯސަލް ހުށައަޅައި، ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭ ގްރޫޕްތަކުން އެކަންޏެވެ.
މީގެއިތުރުން ޕްރޮޕޯސަލް ހުށައެޅުމަށް ބިޑްފޮތް ކުރިން ގަންނަން ނުޖެހުނުނަމަވެސް މިއަހަރުން ފެށިގެން ބިޑްފޮތް ގަންނަން ޖެހޭނެކަމަށް އަލަށް އެކުލަވާލެއްވި އުޞޫލުގައިވެއެވެ. މީގެ އިތުރުން ޙައްޖަށް މީހުން ގެންދާ ގްރޫޕްތަކާއި، ޙައްޖަށް ދިއުމަށް ފައިސާ ދައްކާ ފަރާތްތަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭނެ ކަމަށްވެސް މި އުޞޫލުގައިވެއެވެ.
އިސްލާމިކް މިނިސްޓަރގެ ނާއިބް އައްޝައިޚް އިބްރާހީމް އަޙްމަދު ވިދާޅުވީ މި އުޞޫލަށް ގެނެވުނު ބަދަލުގެ ސަބަބުން ޙާޖީންނަށް ދިމާވާ މައްސަލަތައް މަދުވެގެންދާނެ ކަމަށް އެ މިނިސްޓްރީން އުންމީދުކުރައްވާ ކަމަށެވެ. ޙައްޖަށް ގެންދިއުމަށް ކަމަށް ބުނެ މީހުން އަތުން ފައިސާ ނެގުމަށްފަހު ފައިސާ ދެއްކި މީހުންނަށް ޙައްޖަށް ނުދެވުމުގެ މައްސަލަތައް މީގެ ކުރިން ވަނީ ދިމާވެފައެވެ. މިފަދަ މައްސަލަތައް ޙައްލުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމުގައި އިސްލާމިކް މިނިސްޓްރީ ވިދާޅުވެއެވެ.