މޯލްޑިވިއަންގެ ފްލީޓް އައުކުރުމަށް އިތުރު މަތިންދާބޯޓުތައް ހޯދުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ފަށައިފިއެވެ.
މޯލްޑިވިއަންގެ ބޯޓުތަކުގެ ފްލީޓް ބައުވެ ފްލީޓް އައުކުރުމުގެ މަސައްކަތް އެ ކުންފުނިން ފެށީ މިދިޔަ އަހަރުއެވެ. އެގޮތުން މި މަސައްކަތުގެ ދަށުން މިހާތަނަށް އައު 3 މަތިންދާބޯޓު ވަނީ ގެނެސް ބޭނުންކުރަން ފަށާފައެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން މިހާރު ވަނީ އޭޓީއާރު42-600 މަރުކާގެ އިތުރު 5 ބޯޓު ހޯދުމަށް އިޢުލާންކޮށްފައެވެ. މި 5 ބޯޓުވެސް އެ ކުންފުނިން ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށްކަމަށް އެކުންފުނިން ބުނެއެވެ.
އައިލެންޑް އޭވިއޭޝަނުން މަސައްކަތްކުރަމުންދަނީ އައު ބޯޓުތައް ގެނެސް މޯލްޑިވިއަންގެ ފްލީޓް އައުކުރުމުގެ މަސައްކަތް އަންނަ އަހަރު ނިމުމުގެ ކުރިން ނިންމާލުމަށެވެ. އެގޮތުން މޯލްޑިވިއަންގެ ފްލީޓް އައު ކުރުމަށް އަލަށް ގެނެސްފައިވާ 3 ބޯޓާއެކު ޖުމްލަ 8 ބޯޓް ބޭނުންވާނެކަމަށް އެ ކުންފުނިން ބުނެއެވެ.
އައިލެންޑް އޭވިއޭޝަނުން ދަނީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސްގެ 2 ބޯޓެއް މޯލްޑިިވިއަންއަށް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި ބޯޓާއެކު އިތުރު މަންޒިލްތަކަށް ދަތުރު ފެށޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މިހާރު ރާއްޖޭގެ މަންޒިލްތަކުގެ އިތުރުން މޯލްޑިވިއަންއިން މިހާރު ދަތުރުކުރަނީ އިންޑިއާގެ ކޮޗިން، ޓްރިވެންޑްރަމް އަދި ބަންގްލަދޭޝްގެ ޑާކާއަށެވެ.