މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ ލިބުނު އާމްދަނީ %6.4 އިތުރުވެއްޖެއެވެ. މާރޗް މަހު މީރާއަށް އާމްދަނީގެ ގޮތުގައި 2.19 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ މަހު މީރާއަށް 2.19 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު މިއީ މިދިޔަ އަހަރުގެ މާރޗް މަހާއި އަޅާބަލާއިރު %1.2 ދަށް އަދަދެކެވެ.
މާރޗް މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ރިޒޯޓުތަކުގެ ކުލި، ޖީ.ޖީ.އެސް.ޓީ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، ނަން-ރެޒިޑެންޓް ވިތްހޯލްޑިންގ ޓެކްސް، ޑިޕާޗަރ ޓެކްސް އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ މާރިޗު މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށްވުރެ އިތުރުވުންކަމުގައި މީރާއިން މައުލޫމާތުދެއެވެ. ރާއްޖެ އަންނާނެ ކަމަށް އަންދާޒާކޮށްފައިވާ ފަތުރުވެރިންގެ އަދަދަށްވުރެ ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވުމުގެ ސަބަބުން ޓޫރިސްޓުންނާ ގުޅޭ އާމްދަނީ ވަނީ އިތުރުވެފައެވެ.
މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ 1.31 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުން ނަގާ ކުލިންނެވެ. އެއީ 305.61 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 143.33 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 105.42 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގޮތުގައި 99.20 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 220.17 މިލިއަން ރުފިޔާ (%10.1) ލިބިފައިވެއެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރަށްވުރެ މިއަހަރުގެ މާރޗް މަހު ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހާއި ނަން-ރެޒިޑެންޓް ވިތްހޯލްޑިންގ ޓެކުހުގެ އާމްދަނީ ދަށްވުމެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރުގެ ރިޒޯޓުތަކުގެ ކުލި ނެގުމުގެ މުއްދަތު 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްފައިވާތީ، 2022 ވަނަ އަހަރުގެ މާރޗު މަހާ އަޅާބަލާއިރު، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީވެސް ދަށްވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.
މާރިޗު 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 100.99 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.