ވިޔަފާރި

ފެބުރުއަރީ މަހު ގްރީން ފަންޑުން 38 މަޝްރޫޢުއަކަށް 65 މިލިއަން ރުފިޔާ


މިއަހަރުގެ ފެބްރުއަރީ މަހު ގްރީން ފަންޑުން 38 މަޝްރޫއުއަކަށް 65 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ. ޖެނުއަރީ މަހު ގްރީން ފަންޑުން ހޭދަކޮށްފައިވަނީ 74 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ ގްރީން ފަންޑު ރިޕޯޓުގައި، މިއަހަރުގެ ފެބްރުއަރީ މަހު 38 މަޝްރޫއަކަށް ޚަރަދުކޮށްފައިވެއެވެ. އޭގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.

އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ 3 މަޝްރޫެއުގެ ތެރޭގައި:

* ޅ. ކުރެންދޫ ގޮނޑުދޮށް ހިިމާޔަތްކުރުން - 14.4 މިލިއަން ރުފިޔާ
* މ. ކޮޅުފުށި ގޮނޑުދޮށް ހިމާޔަތްކުރުން - 10.9 މިލިއަން ރުފިޔާ
* ކ. ހިންމަފުށީގައި ފެނުގެ ނިޒާމް ޤާއިމްކުރުން - 5 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި 91 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މީގެތެރޭގައި ރިސޯޓް، ގެސްޓްހައުސް، ސަފާރީ، އަދި ހޯމްސްޓޭ އިން ދައުލަތަށް ލިބިފައިވާ ފައިސާ ހިމެނެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި އެންމެ ބޮޑު ޢަދަދެއް ލިބިފައިވަނީ ރިސޯޓްތަކުންނެވެ. އެއީ މުޅި ޖުމްލަ 89 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ ގްރީން ފަންޑު ރިޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހު ގްރީން ފަންޑުން ޖުމްލަ 47 މަޝްރޫއަކަށް ޚަރަދުކޮށްފައިވެއެވެ. އެ މަހުވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތަކަށެވެ.