އައްޑޫ ސިޓީން ފެނުނު މީސަލްސް ކޭސްއާއި ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތެއް ފެނިފައި ނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީން ހިމަބިހީގެ ކޭސްއެއް ފެނުނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މި ކޭސް ފެނުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ގުޅިގެން ކޮންޓެކްޓް ވެފައިވާ ފަރާތްތަކުގެ މައުލޫމާތު ދެނެގަނެފައެވެ.
އެގޮތުން ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތައް ކޭސް ފެނުނު ހިސާބާއި ވަށައިގެންވާ ސަރަހައްދުގައި ކޮމިއުނިޓީ ސަރވޭ ކުރިއަށްގެންގޮސް މީސަލްސްގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ނުވެ ތިބި އަދި ފުރިހަމަ ކޮށްފައިވާ ކަމުގެ ރެކޯޑް ނެތް މީހުންނަށް ވެކްސިން ދިނުމަށް ރިންގް ވެކްސިނޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.
އެޗްފީއޭއިން ވިދާޅުވީ މި ކޭސްއާއި ގުޅިގެން މިހާތަނަށް 65 ފަރާތެއް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވާކަމަށެވެ. އަދި މިއިން އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތެއް ފެނިފައި ނުވާކަމަށެވެ.
މީސަލްސްއަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާ ހުރިހާ ފަރާތްތަކަކީވެސް މީސަލްސް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ކޮމިއުނިޓީ ސަރވޭގައި އެޗްޕީއޭއިން ވަނީ 41 ފަރާތެއްގެ މައުލޫމާތު ސާފުކޮށްފައެވެ. އޭގެތެރޭގައި 16 ގެއަކާއި 1 ފިހާރަ ހިމެނެއެވެ. ސަރވޭއަށްފަހު 19 މީހަކަށް ވެކްސިން ދީފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމަށް ކަނޑައަޅާފައިވާތީ ހިމަބިހީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ ފަރާތްތައް ހިމަބިއްސަށް ޓެސްޓު ކުރުމަށް ސާންޕަލް ނެގުމަކީ އެޗްޕީއޭގެ ސަރވެއިލަންސް މިންގަނޑުތަކާއި އެއްގޮތައް ރާއްޖޭގެ ހުރިހާ ސިއްހީ ޚިދުމަތްދޭ ތަނަކުން އަމަލުކުރަމުން އަންނަ އުސޫލެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތަކީ ހުން އައުމާއެކު ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. މީގެއިތުރުން ކެއްސުން، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ ބައެއް އަލާމާތްތައްވެސް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިފަދަ އަލަމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ.