މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެނައި ބޯޓާއެކު ދުވާލެއްގެ މައްޗަށް އިތުރު 120 ޓަނުގެ މަސް ކިރުވޭނެކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
މިފްކޯގެ ސީއީއޯ މިހެން ވިދާޅުވީ، މިފްކޯއިން ގަނތް މަސްކިރާ ބޯޓު "ޖަޒީރާ 103" ރާއްޖެ އައުމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
މިފްކޯއަށް ދިމާވެފައިވާ މަސް ކިރުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެންނަ 4 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު މިހާރު ވަނީ ރާއްޖެ އައިސްފައެވެ.
މި ބޯޓު ރާއްޖެ އައިސްފައިވަނީ ކޮރެއާއިން ފުރައިގެން 16 ދުވަހުންނެވެ. މިއީ ޖަޕާނުގެ ޕޯލް އެންޑް ލައިން ވެސަލްއެކެވެ. މީގެކުރިންވެސް މިފްކޯއިން ވަނީ މަސްކިރުމަށް މީގެ ބޯޓެއް ގެންގުޅެފައެވެ.
މި ބޯޓު ރާއްޖެ އައުމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މި ބޯޓާއިއެކު މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ދިމާވެފައި ހުރި ގޮންޖެހުންތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށަވެ. އަދި މި ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ދެކުނުގައިކަމަށާއި މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވުމާއިއެކު ދުވާލަކަށް މަސް ކިރޭ މިންވަރު މި ބޯޓާއިއެކު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށްވެސް އިސްމާއިލް ފާހަގަކުރެއްވިއެވެ.
"މި ބޯޓަކީ 120 ޓަނުގެ ދުވާލަކަށް ފްރީޒް ކުރެވޭ ބްރައިން ފްރީޒަރ ވެސަލްއެއް. 420 ޓަނު އަޅުގަނޑުމެންނަށް ސްޓޯރ ކުރެވޭނެ. އޭގެ މާނައަކީ ދެތިން ދުވަހުގެ ސްޓޯރޭޖް އަޅުގަނޑުމެންނަށް ބޯޓުގައި މެނޭޖްކުރެވޭނެއޭ. މިހާރުގެ ކެޕޭސިޓީއަށްވުރެ ދުވާލަކަށް ފްރީޒް ކުރެވޭ ކެޕޭސިޓީ 120 ޓަނަށް އިތުރުކުރެވޭނެއޭ” އިސްމާއިލް ވިދާޅުވިއެވެ.
މިފްކޯގެ އާ ބޯޓު ޖަޒީރާ 103 މިއަދު ރާއްޖެ އައިސްފި.
— MIFCO (@mifcomv) April 6, 2023
މި ބޯޓަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ، ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ، އަދި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް. pic.twitter.com/Lt98ArDjx2
މިފްކޯއިން ބުނީ ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި ބޯޓު ބޭނުންކުރަން ފެށޭވަރު ވާނެކަމަށެވެ.
މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މިފްކޯއިން ގެންނަ އަނެއް 3 ބޯޓުވެސް މިހާރު ވަނީ ރަޖިސްޓްރީކޮށް ނިންމައި، ތައިލޭންޑުގައި ޑޮކުކޮށްފައެވެ. މި ބޯޓުތައްވެސް ވަރަށް އަވަހަށް ރާއްޖެ އަންނާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ސައިޒު ބޮޑުވެ، މަސްވެރިން ބާނާ މަހުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިކަމާއި ގުޅިގެން މިފްކޯގެ މަސްކިރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސް ކިރާ ސެންޓަރުތަކުގެ ފްރީޒިންގ އަދި ސްޓޯރޭޖު ކެޕޭސިޓީ އިތުރުކޮށް، މަސްކިރާ އިތުރު ބޯޓުފަހަރު ހޯދުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސް ގަންނަ އިތުރު ސެންޓަރުތަކެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.