ޚަބަރު

ދިގު އިންތިޒާރެއް، މަޑަވެލި ހޯނޑެއްދޫ ބްރިޖްތަކުގެ އަމަލީ މަސައްކަތް ފަށައިފި


މަޑަވެލި ހޯނޑެއްދުއަކީ ޖުމްލަ އާބާދީގައި 3000އަށްވުރެ ގިނަ މީހުން ދިރިއުޅޭ ދެރަށެވެ. އެއް ފަޅެއްގެ ތެރޭގައި އޮންނަ މި ދެ ރަށަކީ، އިޤްތިޞާދީ މުހިންމު މަސައްކަތްތައް ހިނގާ ރަށްތަކެކެވެ.

މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ މިދެރަށަކީ، އެކުގައި މަސައްކަތްކޮށް އިޤްތިޞާދީ ބޮޑެތި ކުރިއެރުންތައް ހޯދޭނެ ރަށްތަކެއްގެ ގޮތުގައި ދެ ރަށުގެ ރައްޔިތުންވެސް ފާހަގަކުރެއެވެ. މި ދެ ރަށް ގުޅާލެވި، މިމަންފާ ރައްޔިތުންނަށް ލިބިގެންދިއުމަކީ، ދެ ރަށުގެ ރައްޔިތުންވެސް ކުރަމުން އަންނަ އިންތިޒާރެކެވެ.

މީގެދަށުން، 2017ވަނަ އަހަރު، ދެ ރަށް ގުޅާލުމަށް އޭރުގެ ސަރުކާރުން ކޯޒްވޭއެއް ތަރައްޤީކުރިއެވެ.

ނަމަވެސް މި ޕްރޮޖެކްޓްތަކީ އެންމެ އެކަށީގެންވާގޮތަށ،ް ތިމާވެއްޓަށް ބަލައިގެން ކުރިއަށްގެންދިޔަ މަޝްރޫޢުއަކަށް ނުވާތީ، އޭގެ މަންފާ ނުލިބި ރައްޔިތުންނަށް މަޖުބޫރިވީ އެ ކޯޒްވޭ ބުރިކޮށްލަށެވެ. ކޯޒްވޭގެދަށުން އޮއެ ނުދެމުމާއި، އަދި ކޯޒަވޭއަށް އުދަ އަރާ ލޮނުގަނޑު ރަށުތެރެއަށް އަރާ އޭގެ ގެއްލުން ރަށުގެ ދަނޑުވެރިންނަށްވެސް ވަރަށް ބޮޑަށް ކުރިއެވެ.

މަޑަވެއްޔާއި ހޯނޑެއްދޫގެ ރައްޔިތުންގެ ޒަމާންވީ އުއްމީދު ހަގީގަތަކަށް ހެދުމަށް، އެ ދެރަށް ގުޅާލުމުގެ އާ ޕްލޭން އެކުލަވާލާ މަސައްކަތްތައް ފެށީ މިދިޔަ އަހަރުއެވެ. ކުރިން އެޅި ކޯޒްވޭ މުޅިން ނަގާ، ރަށްތައް ގުޅާލުމަށް ބްރިޖްތަކެއް ހެދުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢާއެކު އެ ދެރަށާއި އެއްފަޅެއްގައި އޮންނަ ދެ ފަޅުރަށް، ކަންނިގިލާ އާއި ހާދޫވެސް ގުޅާލުމަށް ވަނީ ނިންމާފައެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި މީގެ ސައިޓް މަސައްކަތްތައް ވަނީ ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ މަޑަވެއްޔާއި ހޯނޑެއްދޫ އަދި، ދެ ފަޅުރަށުގެ ކޯޒްވޭއަށް ބޭނުންވާ މަގުތައް ސާފުކުރުމުގެ މަސައްކަތެވެ.

އަދި މިދިޔަ ބުދަ ދުވަހު މިވަނީ ރަށްތައް ދެމެދުގައި އަޅާ ބްރިޖްތަކުގެ ޢަމަލީ މަސައްކަތް ފަށާފައެވެ. އެންމެ ފުރަތަމަ ފަށާފައިމިވަނީ ހޯނޑެއްދުއާއި ކަންނިގިއްލާ އާއި ދެމެދުގައި އަޅާ ބްރިޖްގެ ފައުންޑޭޝަންގެ މަސައްކަތެވެ. މި ބްރިޖްގެ ތަނބުތައް ޖެހުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ބްރިޖްތައް ތަރައްޤީކުރަނީ ހެވީ ވެހިކަލް ދުއްވުމަށްވެސް ބޭނުންކުރެވޭ ފެންވަރަށެވެ.


މި މަޝްރޫޢުގެ ދަށުން 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ބްރިޖުގެ 2544 ކިއުބިކް މީޓަރުގެ ސެގްމަންޓް ކޮންކްރީޓް މަސައްކަތް ކުރުން ހިމެނެއެވެ. އަދި 4596 އަކަ މީޓަރުގެ ސަރަޙައްދުގައި ތާރު އަޅާ، 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިންގ ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ރެއިލިންގ އަދި މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ކުރެހުންވެސް މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މުޅި މި މަޝްރޫޢަށް 84.17 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.