މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް ތަރައްޤީކޮށްފައިވާ ފްލެޓްތައް އަންނަމަހު ހަވާލުކުރުމުގެ ތައްޔާރީތައްވަމުން އަންނަކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ 4 ކުންފުންޏަކުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓް އިމާރާތްކޮށްފައެވެ. އެއީ ސްޓެލްކޯ، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީ އަދި އެމްޕީއެލްއެވެ. މީގެތެރެއިން އެމްޕީއެލް ފިޔަވައި އެހެން ކުންފުނިތަކުން ވަނީ ފްލެޓްތައް މުވައްޒަަފުންނާއި ހަވާލުކޮށްފައެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދަނީ 15 ބުރީގެ 3 ޓަވަރެެވެ. ފްެލެޓްތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ފްލެޓްތައް ހަވާލުކުރުމުގެ އެންމެ ފަހު މަރުޚަލާގެ މަސައްކަތްތަކެވެ.
އެމްޕީއެލްގެ 3 ޓަވަރުގައި ޖުމްލަ 534 ޔުނިޓް ހިމެނެއެވެ. އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 ފްލެޓެވެ.
ޕީއެސްއެމް ނިއުސް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތުގައި ލަސްތަކެއް އުޅެނީ ކޮންޓްރެކްޓަރު ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާތީކަމަށެވެ. ނަމަވެސް މިހާރު ކުރިއަށްދަނީ ފްލެޓް ހަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައްކަމަށާއި އެގޮތުން މިވަގުތު ކުރިއަށްދަނީ ޓަވަރުގެ ސިޑިތަކުގައި ކުރަންޖެހޭ މުށިޖެހުމުގެ ބައެއް މަސައްކަތްތަކާއި ލިފްޓްގެ މަސައްކަތްކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ފްލެޓްތައް ހަވާލުކުރާއިރު، އެޕަޓްމަންޓްތަކުގެ އެތެރޭގެ ފިނިޝިން ހުރިހާ މަސައްކަތްތައް ހުންނާނީ ނިމިފައިކަމަށެވެެ. އަދި އަންނަ މަހުގެ ތެރޭގައި މުވައްޒަފުންނާ ފްލެޓްތައް ހަވާލުކުރުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.
"ކޮންޓްރެކްޓަރު މަސައްކަތްތައް އަވަސްކުރުމަށް ބޭނުންވާ ހުރިހާ އެއްބާރުލުން ކުންފުނިން އަންނަނީ ދެމުން. މިހާރު ކަނޑައެޅިފައި އޮތްގޮތުން އަންނަ މަހުގެ ފަހުކޮޅަށް ފްލެޓްތައް އެއްކޮށް ނިމޭނެ. އޭޕްރިލް ފަހުކޮޅު ފްލެޓްތައް ހަވާލުކުރަން މިހާރު ކަނޑައެޅިފައި އޮތީ." ޝާހިދު އަލީ ވިދާޅުވިއެވެ.
ފްލެޓް ލިބުނު މުވައްޒަފުންގެ ލިސްޓް އެކުލަވާލާ މިހާރު ކުރަމުންދަނީ ޑައުންޕޭމަންޓްގެ މަސައްކަތްތަކެވެ. ޝާހިދު ވިދާޅުވީ %85 މުވައްޒަފުން ޑައުންޕޭމަންޓް ދައްކާ ނިންމާފައިވާކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. އެ މައްސަލަ ހައްލުކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ކުންުފުނިތަކުގެ އިތުރުން އާއްމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން މިހާރުވެސް ހުޅުމާލޭގައި 4000 ފްލެޓް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.