ދެކުނުކޮރެޔާގެ ކޮރެއަން އެއަރގެ ދަތުރުތައް މިއަހަރު ރާއްޖެއަށް ފެށޭނެކަމަށް އުންމީދުކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ ކޮރެއާއާއި ރާއްޖެއާއި ދެމެދު ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން ޤާއިމްކުރި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން ރާއްޖެއާއި ކޮރެއާއި ދެމެދު ޤާއިމްކުރި އެެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަބްދުﷲ މައުސޫމްއެވެ. އަދި ކޮރެއާގެ ފަރާތުން ސޮއިކުރެއްވީ ކޮރެއާ ޓޫރިޒަމް އޮގަނައިޒޭޝަންގެ ނައިބު ރައީސް ލީ ޖައެ ހުވާންއެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވީ، މި އެއްބަސްވުމާއެކު 2 ޤައުމު ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން ރާއްޖެއަށް ކޮރެއާއިން ފަތުރުވެރިން ގެނައުމާއި އެ ޤައުމުގެ އެއަރލައިންތައް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަދު މި ޤާއިމްކުރެވުނު އެއްބަސްވުމުގެ ސަބަބުން 2 ޤައުމުގެ ދެމެދުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އިތުރު ބާރަކަށް ވެގެންދާނެ. ކޮރެއާގެ ޑެލިގޭޝަންއާއިއެކު ބޭއްވި ބައްދަލުވުމުގައި ވަރަށް ބޮޑު އުންމީދެއް އެބައޮތް ކޮރެއާ އެއަރވޭސް ފަށަން މިއަހަރުގެ ތެރޭގައި. ފެށީމަ އިރާދަކުރެއްވިއްޔާ ފަތުރުވެރިންގެ ނަންބަރު ވަރަށް ބޮޑަސް މައްޗަށް ދާނެކަމަށް އަޅުގަނޑުމެން މި އުންމީދު ކުރަނީ" މައުސޫމް ވިދާޅުވިއެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮރެއާ ޓޫރިޒަމް އޮގަނައިޒޭޝަންގެ ނައިބު ރައީސް ލީ ޖައެ ހުވާން ވިދާޅުވީ، މި އެއްބަސްވުމާއިއެކު އެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ރާއްޖެއަކީ އަބަދުވެސް ކޮރެއާގެ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު ކޮރެއާއަކީ ރާއްޖެއަށް 11 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އެއީ މުޅި ޖުމްލަ 3087 ފަތުރުވެރިންނެވެ. 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު ކޮރެއާއިން ރާއްޖެ އައިސްފައިވަނީ 990 ފަތުރުވެރިންނެވެ. އެހެންކަމުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީ މަހު ކޮރެއާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ 211.8 އިންސައްތަ އިތުރުވެފައެވެ.