ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން 7 ދާއިރާއަކުން 8 ދަރިވަރަކަށް ސްކޮލަރޝިޕް ދީފިއެވެ.
މި ސްކޮލަރޝިޕްތަކަކީ ދަރިވަރުން އުނގެނެމުން ދާއިރު ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންންނާއި، ތައުލީމީ އިހްތިފާލު ކުރުމާއި މަތީ ފެންވަރަށް ކިޔެވުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެމްއެންޔޫގެ ކައުންސިލުން ތައާރަފް ކޮށްފައިވާ ސްކޮލަރޝިޕްތަކެކެވެ.
މިފަހަރު ސްކޮލަރޝިޕްތައް ދީފައިވާ ދާއިރާތަކުގެ ތެރޭގައި، ބެޗްލާރ އޮފް ޓީޗިން ސެކަންޑަރީ (މެތަމެޓިކްސް އެންޑް ފިޒިކްސް)، ބެޗްލާރ އޮފް އާރޓްސް އިން އާކިޓެކްޗަރަލް ޑިޒައިން، ބެޗްލާރ އޮފް ސިވިލް އިންޖިނިއަރިން، މާސްޓާރސް އޮފް އާރޓްސް އިން ސޯޝިއަލް ޕޮލިސީ، އެޑްވާންސް ޑިޕްލޮމާ އިން ނާސިން، މާސްޓާރސް އޮފް ލޯ، މާސްޓާރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހިމެނެއެވެ.
އެމްއެންޔޫއިން ވަނީ 3 ސްކޮލާރޝިޕެއް ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕާއި، ޔުނިވާރސިޓީގެ ފުލް ސްކޮލާރޝިޕުގެ އިތުރުން ޝަހީދު އެވޯޑެވެ. މީގެ ތެރެއިން ޝަހީދު އެވޯޑަކީ 3 ނޮވެމްބަރ 1988ގައި ޝަހީދުވި ޝަހީދުންގެ ޛިކުރާ އާކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1999ން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 4 ފެކަލްޓީގައި ހިންގާ އެންމެ މަތީ ފެންވަރުގެ ކޯހުގެ ތެރެއިން ފުރަތަމަ ސެމެސްޓާރގައި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.
އެމްއެންޔޫއިން ބުނީ ޔުނިވާރސިޓީގެ ސްކޮލާޝިޕް ސްކީމްގެ ދަށުން 2023 ވަނަ އަހަރު ފުރަތަމަ ޓާރމްގައި އަލަށް ތައާރަފް ކުރި ޓިއުޝަން ފީ ހިލޭ ސްކޮލާރޝިޕާއި އެ ޔުނިވާރސިޓިގެ ފުލް ސްކޮލާރޝިޕު އަދި އަންޑަރގްރެޖުއޭޓް ފުލް ސްކޮލާރޝިޕްގެ 24 ފުރުސަތު ހުޅުވާލިކަމަށެވެ. އެއީ ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕްގެ 20 ފުރުސަތާއި އަންޑަރގްރެޖުއޭޓް ފުލް ސްކޮލާރޝިޕްގެ 2 ފުރުސަތާއި، ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލަރޝިޕްގެ 2 ފުރުސަތެއެވެ.
މީގެ ތެރެއިން ޓިއުޝަން ފީ ހިލޭ ސްކޮލާރޝިޕައް އެދި 69 ދަރިވަރަކު ވަނީ ހުށަހަޅާފައެވެ. އަންޑާރގްރެޖުއޭޓް ފުލް ސްކޮލާރޝިޕައް އެދި 48 ދަރިވަރުން ހުށަހަޅާފައިވާއިރު ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލަރޝިޕް އެދި 24 ދަރިވަރުން އަދި ޝަހީދު އެވޯޑަށް ހުޅުވާލި 4 ފުރުސަތައް އެދި 6 ދަރިވަރަކު ހުށަހަޅާފައިވެއެވެ.
އެމްއެންޔޫއިން ބުނީ ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި އިސްކަންދިނީ އަންޑާރގްރެޖުއޭޓް ސްކޮލަޝިޕް ނަމަ ސާނަވީ އަދި މަތީ ސާވަނީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށެވެ. އަދި ޝަހީދު އެވޯޑު ދިނުމުގައި އިސްކަންދިނީ އެދަރިވަރަކު ޔުނިވާރސިޓީގައި ކިޔަވަމުންދާ ކޯހުގެ ފުރަތަމަ ސެމިސްޓާރގެ އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނެވެ.