ޚަބަރު

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލަ 241 ކޮމެޓީން ބަލަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ހުރަސް އަޅައި ހިންގި ހަމަނުޖެހުން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ނިންމައިފިއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންނެވި ވަގުތު އިދިކޮޅު ޕީޕީއެމްގެ ސްޕޯޓަރުން ވަނީ ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައެވެ.

މޮޓޯކޭޑަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގުމުން އެސަރަހައްދުން މޮޓޯކޭޑަށް ދެވުނީ 10 ވަރަކަށް މިނިޓްފަހުންނެވެ.

މިމައްސަލައާއި ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ވަނީ މިމައްސަލަ ހުށަހަޅާފައެވެ. ކޮމެޓީގެ މުޤައްރިރު އަދި އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސްގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ ކޮމެޓީއަށް ހުށަހެޅިފައިވާކަމަށެވެ. އަދި މިމައްސަލަ ކޮމެޓީން ކުރިއަށް ގެންދާނެ ގޮތެއް މިއަދުގެ ބައްދަލުވުމުގައި ނިންމާނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 11:00 ޖަހާއިރުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ރޭގެ މުޒާހަރާ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވެސް ހިމެނެއެވެ. ނަމަވެސް އޭނާ ވަނީ ރޭ ދޫކޮށްލާފައެވެ. މިހަމަނުޖެހުންތަކުގައި ހައްޔަރު ކުރި ގިނަ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.