ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް، މިފްކޯގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވާ މަހެކެވެ. އަދި ރޯދަމަހުގެ ކުރިން އާންމުން މިފްކޯއިން ވިއްކާ މަހުގެ އެކިއެކި ބާވަތްތައް ގަނެއެވެ. އެގޮތުން މިއަހަރުގެ ރޯދަމަހަށްވެސް މިހާރު އާންމުން ދަނީ މިތަކެތި ގަންނަމުންނެވެ.
މިފްކޯގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑް ރަމަޟާންމަހު އިތުރުވާތީ އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިތަކެތި ހުސްވުމެވެ. މިފްކޯއިން ބުނީ ޑިމާންޑް އިތުރުވި ނަމަވެސް މި ރަމަޟާންމަހު އެއްވެސް ދަތިކަމެއްނެތި ހުސްނުވެ މިފްކޯގެ އުފެއްދުންތައް ލިބެން ހުންނާނެކަމަށެވެ. އޭގެތެރޭގައި ވަކިން ޙާއްސަކޮށް މަސްދަޅު މުޅި ރޯދަމަހުވެސް ހުސްނުވެ އާންމުންނަށް ލިބެން ހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.
މަސްދަޅުގެ އެކި ވައްތަރުތައް މިފްކޯއިން ބާޒާރަށް ނެރެފައިވާއިރު އަބަދުވެސް އާންމުންގެ މެދުގައި އެންމެ ބޮޑު ޑިމާންޑެއް އޮންނަނީ މިފްކޯގެ ތެޔޮ މަސްދަޅަށެވެ. އެގޮތުން މިފްކޯއިން މިހާރު ތެޔޮ މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާއަށެވެ. އަދި ވަކިން ތެޔޮ މަސްދަޅެއް ވިއްކަނީ 17.50 ރުފިޔާއަށެވެ.
ރަމަޟާންމަހު އެއްވެސް ދަތިކަމެއްނެތި ކަސްޓަމަރުން ބޭނުންވާ މިންވަރަށް މަސްދަޅު ލިބޭނެކަމަށް މިފްކޯއިން ބުނާއިރު މާލޭގެ އިތުރުން ރަށްރަށަށްވެސް މަސްދަޅު ފޯރުކޮށްދިނުމުގެ މަސައްކަތް މިފްކޯއިން ދަނީ ކުރަމުންނެވެ. އެގޮތުން އޯޑަރުތައް ލިބުމުން ބޯޓުތަކަށްވެސް މިފްކޯއިން މަސްދަޅު ޑެލިވަރ ކޮށްދެއެވެ.
މަސްދަޅުގެ އިތުރުން ދެން ރަމަޟާމަހު އެންމެ ޑިމާންޑް ބޮޑުވަނީ ވަޅޯމަހާއި، ގަނޑުކުރި ކަނޑުމަހާއި، ކަންނެލި މަަހަށެވެ. މީގެއިތުރުން ރޯދަމަހު ބަދިގޭގައި ވަގުތުން ބޭނުންކޮށްލެވޭގޮތަށް ތައްޔާރުކޮށްފައި ހުންނަ ބައެއް ކާނާއަށްވެސް އޮންނަ ޑިމާންޑް ބޮޑުވާކަމަށް މިފްކޯއިން ބުނެއެވެ. މިތަކެތިވެސް ހުސްނުވެ ރޯދަމަހު ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް މިފްކޯއިން ބުނެއެވެ.
ރޯދަމަހާއި ދިމާކޮށް މިފްކޯއިން ދަނީ އައު އުފެއްދުންތައްވެސް މާކެޓަށް ނެރެމުންނެވެ. އެގޮތުން މިއަހަރުވެސް އައު އުފެއްދުންތަކެއް ބާޒާރަށް ނެރޭނެކަމަށް މިފްކޯއިން ބުނެއެވެ. މިއަހަރު ބޮޑަށް އަމާޒުކޮށްފައި ހުންނާނީ ބަދިގޭގައި ކެއްކުމަށް ފަސޭހަކުރެވޭގޮތައް ހުންނަ އުފެއްދުންތަކަށްކަމަށް މިފްކޯއިން ބުނެއެވެ. މި ހަފްތާގެ ތެރޭގައި މި އުފެއްދުންތައް މާކެޓަށް ނެރުމަށް މިފްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.