ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ހުޅުމާލެ ފޭސް-2 ގައި ފިހާރައެއް ހުޅުވައިފިއެވެ. މި ފިހާރައަށް ދީފައިވާ ނަމަކީ އެސްޓީއޯ ރޯދަ މާރޓްއެވެ.
ހުކުރު ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރޯދަ މާޓް ހުޅުވާ ދެއްވީ އެސްޓީއޯގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުހައްމަދު ރަޝާދު އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އެވެ. މި ފިހާރަ ހުންނާނީ ހުޅުމާލޭ ފޭސް-2 ވިނަރެސް ފްލެޓް-9 ގެ ތިރީގައެވެ.
އެސްޓީއޯއިން ވިދާޅުވީ، މި ފިހާރައިގެ ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު އަގެއްގައި ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުންކަމަށެވެ.
ހޯލްސޭލް އަދި ރީޓެއިލް ޚިދުމަތްވެސް ލިބޭ ގޮތަށް ހުޅުވާފައިވާ މި ފިހާރައިން، އެސްޓީއޯއިން އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ މުދަލުގެ އިތުރުން އެސްޓީއޯއިން ރެކް ކުއްޔަށް ނަގައިގެން ވިޔަފާރިކުރާ ފަރާތްތަކުން ވިއްކާ މުދާވެސް ލިބެންހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން ރޯދަމަހަށް ޚާއްސަކޮށްގެން އެތެރެކުރެވޭ ފިޔާ، އަލުވި، އަދި ބިސްވެސް މި ފިހާރައިން ލިބެންހުންނާނެއެވެ.
އެސްޓީއޯއިން ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިން ހައްދާ ބާވަތްތައް ކޮންމެ ދުވަހަކުވެސް މި މާޓުން ތާޒާކަމާއިއެކު ލިބިގެންދާނެކަމަށެވެ.
ހުޅުމާލޭ ފޭސް2 އަކީ މިހާރު ވަރަށް ބާރަށް މީހުން އާބާދުވަމުން އަންނަ ސަރަހައްދެކެވެ. ނަމަވެސް އެތަނުގައި އަގުހެޔޮކޮށް ކެއިންބުއިމަށް ބޭނުންވާ ސާމާނު ލިބެން ނެތުމަކީ ވަރަށް ގިނަ ބައެއްގެ ޝަކުވާއެކެވެ.
އެހެންކަމުން އެސްޓީއޯ ރޯދަ މާޓަކީ އާންމުންގެ މި ޝަކުވާތަކަށް ހައްލެއް ގެނެސްދިނުމަށް އެސްޓީއޯއިން ހުޅުވި ފިހާރައެކެވެ.