ޚަބަރު

ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނެސްދެއްވީ ރައީސް ސާލިހު: ނަހުލާ


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ޒައާމަތާއެކު ރާއްޖޭގެ ދަތުރުފަތުގެ ނިޒާމަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ނަހުލާ ވަނީ ފާއިތުވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އައި ބަދަލާއިއެކު ރައްޔިތުންނަށް ލިބިގެންދިޔަ ލުއިފަސޭހަތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ސަރުކާރުން ގެންނަ ހެޔޮބަދަލުތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުން ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމް ކުރުންކަމަށެވެ.

މާޒީގައި ކަނޑުމަގުން ކުރަމުންދިޔަ ދިގު ދަތުރުތައް ހައިސްޕީޑު ފެރީގެ ނިޒާމާއިއެކު ބަދަލުކޮށް، އުތުރާއި ދެކުނުގައި ވައިގެ މަގުން ފަސޭހަކަމާއިއެކު ދަތުރުކުރެވޭނެ ނިޒާމެއް މިއަދު ގާއިމްވެގެން ގޮސްފައިވާކަމީ މިކަމުގެ ހެޔޮބަދަލު މުޅި ރާޢްޖެއިން ފެންނަމުންދާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިލިބުނު ފަސޭހައާއިއެކު އިޤްތިޞާދީ ގޮތުން އަތޮޅުތެރޭގެ ރަށްތަކަށް ފުދުންތެރިކަން އިތުރުވެ އެތައް ވަޒީފާތަކެއްވެސް އުފެދިގެން ގޮސްފައިވާކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

"ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކޮށް އާއުސްމިންތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުން ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދީ ބަނދަރުތަކުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބިއްޖެ. ޒުވާނުން ބާރުވެރި ކުރުވިއްޖެ. ރައްޔިތުންނަށް ފޯރުންތެރި އަދި ފަހި ދިރިއުޅުމެއް ގާއިމް ކުރެެވިއްޖެ. އަމިއްލަ ރަށުގައި ހުރެގެން ފައިދާ ހޯދޭން މަގު ތަނަވަސް ވެއްޖެ." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ހަލުވިކަމާއެކު ހިނގައި އުތުރާއި ދެކުނުގެ ރައްޔިތުންނަށް އެއް ހަމައެއްގައި ނަފާއާއި މަންފާ ލިބޭގޮތަށް މިއަދު އަތޮޅުތައް ބައްޓަން ކުރެވިފައިވާކަމަށެވެ. މިކަންކަން އިންތިޒާމީ ގޮތެއްގައި ކުރިއަށް ގެންދަވައި މިބަދަލު ގެނެސްދެއްވި މޭސްތިރިއަކީ ރައީސް ޞާލިހުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯދައި ދެއްވުމަށާއި ޤައުމު ބިނާކުރެއްވުމުގައި ތިޔަ ދައްކަވާ ސާބިތުކަމަށާއި، އަޅުގަނޑުމެންނަށް މަނިކުފާނު ދެއްވާ ހިތްވަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދިވެހި ރައްޔިތުންގެ ނަމުގައި ފަށްފަށުން ޝުކުރު ދަންނަވަން." ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައި ގާއިމް ކުރެވިގެންދިޔަ އެއާޕޯޓާއިއެކު އެއް އަތޮޅެއްގައި އެންމެ ގިނަ އެއާޕޯޓް ހުޅުވުނު އަތޮޅަކަށް ހުވަދު އަތޮޅު ވެފައިވާކަމަށެވެ. މީގެ ސަބަބުން ހުވަދު އަތޮޅަށް މީގެ ކުރިން އިތުރުނުވާ އެތަކެއް ވަޒީފާއަކާއި، މާލީ އަދި އިޤްތިޞާދީ މަންފާ އެތައްގޮތަކުން ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.