ބޭންކް އޮފް މޯލްޑިވްސްއިން އިންޓަރނެޓް ބޭންކިންގ އާއި މޮބައިލް ބޭންކިންއަށް ލޮގިން ނުވެވޭ ހާލަތްތަކުގައި ނޮޓިފިކޭޝަން ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ. ބީއެމްއެލްއިން ބުނީ މިއީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެޅި އިތުރު ފިޔަވަޅެއްކަމަށެވެ.
ބީއެމްއެލްއިން ބުނީ މިއީ މިހާރުވެސް ލޮގިން ކުރާ އިރު ފޮނުވާ އެލަރޓްގެ އިތުރުން ކަސްޓަމަރުންނަށް ލިބޭނެ ނޮޓިފިކޭޝަނެއްކަމަށެވެ. އަދި މީގެ އިތުރުން އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެނަމަ މިޚިދުމަތް މެދުކެނޑޭ ހާލަތްތަކުގައި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނަށް އެލަރޓް ލިބޭނެކަމަށެވެ.
މި ނޮޓިފިކޭޝަންތައް ކަސްޓަމަރުންނަށް ފޮނުވަނީ އިންޓަރނެޓް އާއި މޮބައިލް ބޭންކިންގ އަށް ވަންނަން މަސައްކަތްކުރާ ހާލަތެއްގައި ކަސްޓަމަރުންނަށް އެކަމުގެ މައުލޫމާތު ދިނުމުގެ ގޮތުންނެވެ. މިހާލަތްތަކުގައި އީމެއިލް ފޮނުވާނީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ ޔޫސަރނޭމާއި ޕާސްވޯޑް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ. އަދި ދޭތެރެދޭތެރެއިން ޕާސްވޯޑް ބަދަލުކޮށް އަބަދުވެސް ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށް އެ ބޭންކުން ވަނީ ކަސްޓަމަރުންގެ ކިބައިން އެދިފައެވެ.
ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށް ބޭންކުންވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިހަފްތާގެ ކުރީކޮޅު ބޭންކުންވަނީ ސްކޭންކޮށްގެން ޕޭމަންޓް ހަދާ ހުރިހާ މުއާމަލާތަކަށް ވަން ޓައިމް ޕާސްވޯޑް( އޯޓީޕީ) ޖަހަންޖެހޭ ގޮތަށް ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން އޯޓީޕީ ޖެނެރޭޓްކުރުމަށް އޮތެންޓިކޭޓަރ އެޕް ތައާރަފްކުރުމާއި އޯޓީޕީ ފޮނުވާ ޑިފޯލްޓް ޗެނަލެއްގެ ގޮތުގައި އީމެއިލް ހުއްޓާލުމާއި ލޮގިންކުރާ ހާލަތްތަކުގައި އެލަރޓް ފޮނުވުމާއި އިންޓަރނެޓް އަދި މޮބައިލް ބޭންކިންގެ ހުރިހާ މުއާމަލާތްތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވުން ހިމެނެއެވެ.
ބީއެމްއެލްއިން ބުނީ ސެކިއުރިޓީ ފީޗަރސްތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ތައާރަފްކުރާނެކަމަށެވެ. ސްކޭމް އުކުޅުތައް ދެނެގަނެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުން ބޭންކުން ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އަންނަނީ އެދެމުންނެވެ.