ވިޔަފާރި

ކުދި ވިޔަފާރިތަކުގެ މައުލޫމާތު ގެނެސްދިނުމަށް "ކުމެވި"


ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށްގެން "ކުމެވި"ގެ ނަމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މަޖައްލާއެއް އިފްތިތާހުކޮށްފިއެވެ.

މި މަޖައްލާ އިފްތިތާހުކޮށްދެއްވީ އެސްއެމްއީ ހަބްގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނީޒާ އިމާދެވެ.

“ކުމެވި“ މަޖައްލާ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ނީޒާ ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގައިވެސް ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށް ސަރުކާރުން އިސްނަގައިގެން ނެރޭ ފުރަތަމަ މަޖައްލާކަމަށެވެ.

މި މަޖައްލާގެ ޒަރިިއްޔާއިން ރާއްޖޭގައި ހަރަކާތްތެރިވާ އެސްއެމްއީތަކުގެ މައުލޫމާތު އާންމުންނަށް އެނގިގެންދާނެކަމަށާއި އަދި އިކޮނޮމިކް މިނިސްޓްރީން ބީސީސީއާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގައި ސާބިތުކަމާއެކު ތިބޭނެކަމަށްވެސް ނީޒާ ވިދާޅުވިއެވެ.

“މި ބުލެޓިން މެދުވެރިކޮށް ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގުޅޭ މައުލޫމާތުތައް، އެންމެ ފަހުގެ މައުލޫމާތުތައް އަދި މިދާއިރާގައި ހުރި ކުރިއެރުންތައް ރާއްޖޭގެ ކަންކޮޅުތަކަށް އަންގާދެވޭނެ. މި އިފްތިތާހުކުރެވޭ އެސްއެމްއީ ބުލެޓިންއަކީވެސް އެސްއެމްއީއަށް އަމާޒުކޮށްގެން ބީސީސީގެ ފަރާތުން މެދުކެނޑުމެއްނެތި ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ.” ނީޒާ ވިދާޅުވިއެވެ.

މި މަޖައްލާ ނެރޭނީ ކޮންމެ މަހަކު 1 ފަހަރުއެވެ. މި މަޖައްލާ ނެރުމުގެ އެންމެ މުހިންމު ބޭނުމެއްކަމަށް ބީސީސީން ފާހަގަކުރަނީ ކުދި ވިޔަފާރިތަކަށް މާކެޓް ހޯދައިދީ އާންމުންނަށް އެ ވިޔަފާރިތަކުގެ މައުލޫމާތު އަންގަދިނުމެވެ. އަދި ކާމިޔާބު ކުދި ވިޔަފާރިތަކުގެ މައުލޫމާތު އަންގައިދީ ވިޔަފާރިއެއް ފަށަން ބޭނުންވާ އެހެން މީހުންނަށްވެސް ހިތްވަރުދިނުމެވެ.

މި މަޖައްލާގައި ވިޔަފާރިއެއްގެ މައުލޫމާތު ހިމަނަން ބޭނުންވާނަމަ އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ބީސީސީގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް އެކަމަށް އެދެވޭނެކަމަށް ބީސީސީން ބުނެއެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުގައި ހަރަކާތްތެރިވާ ހުރިހާ ކުދި ވިޔަފާރިތަކަކަށްވެސް ވަނީ މި މަޖައްލާގައި އެމީހުންގެ ވިޔަފާރީގެ މައުލޫމާތު ހިމެނުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ކުދި ވިޔަފާރިއެއްނަމަ ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރާ ވިޔަފާރިއަކަށްވެސް މި ފުރުސަތު އޮންނާނެކަމަށް ބީސީސީއިން ބުނެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ހިންގަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުނެވެ. ބީސީސީގެ މަސައްކަތްތައް ބައްޓަންވެފައިވަނީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.