އަމީނީމަގުގެ ފުރަތަމަ 3 ސެގްމަންޓް ނިންމާ އާއްމުންނަށް ހުޅުވާލައިފިއެވެ. މިތިން ސެގްމެންޓް ހުޅުވާލާފައިވާއިރު 4 ވަނަ ސެގްމެންޓާއި 5 ވަނަ ސެގްމެންޓްގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.
އާރްޑީސީން ވިދާޅުވީ އަމީނީމަގު ތާރުއަޅައި ނިމިފައިވާ ސަރަހައްދު އާއްމުންނަށް ހުޅުވާލި ނަމަވެސް ފިނިޝިންގެ ބައެއް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ތާރު އަޅާފައިވާ ސެގްމަންޓުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށްދާއިރު، ސެގްމަންޓް 4 ގައި ދުވާރު ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ސްޓޯރމް ވޯޓަރ ސިސްޓަމް ގާއިމް ކުރުމަށް މޫނިމާ ހިނގުން ބަންދު ކުރެވިފައިވާ ކަމަށްވެސް އާރްޑީސީން ވިދާޅުވެއެވެ.
އަމީނީ މަގުގެ ސެގްމަންޓް 5 ގައި މިވަގުތު ކުރަމުންދަނީ ގައުތައް ނެގުމަށްފަހު މަގު ކޮނުމުގެ މަސައްކަތެވެ. މިޒޯންގެ ތާރުއެޅުން ފިޔަވާ ހުރިހާ މަސައްކަތެއް ނިންމާ ރޯދައިގެ ކުރިން މަގު އާއްމުންނަށް ހުޅުވާލުމަށް ޕްލޭންކޮށްފައިވާ ކަމަށް އާރްޑީސީން ވިދާޅުވެއެވެ.
އަމީނީ މަގުގައި މަސައްކަތް ނިމުނު 3 ސެގްމެންޓްތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރިއަށް ގެންދިޔައީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ އަމީނީމަގުގައި ތާރުއެޅުމަށް އާރްޑީސީން ގެނައި މެޝިން ބަހައްޓާނެ ޖާގަ މިނިސްޓްރީން ހަމަޖައްސައި ނުދެވުމުން އެމަސައްކަތް އަވަސްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް ޕްލޭނިން މިނިސްޓްރީން އޭރުވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އާރްޑީސީންކަމަށްވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.
މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މަގު ހެދުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.
މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާ އަށެއެވެ.