އދ.ގެ ސެކްރެޓަރީ ޖެނެރަލްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މައިގަނޑު 3 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޮނިޔޯ ގުތެޚޭޝްއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ބައްދަލުކުރައްވާފައިވަނީ ޤަތަރުގެ ވެރިރަށް ދޯހާގައެވެ. ރައީސް ވަނީ މިފަދަ ބައްދަލުކުރެއްވުމެއް ކުރިއަށްގެންދެވި، މުހިންމު ދާއިރާތަކުން މަޝްވަރާކުރެއްވުމުގެ ފުރުޞަތު ލިބުނުކަމަށްޓަކާ އުފާކުރައްވަކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އ.ދއާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނު ދާއިރާތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި، އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީ ހަރުދަނާކުރުމުގައި އެހީތެރިކަން ދިނުން ހިމެނެއެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލްއާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި އދ އާއި އދ.ގެ އެޖެންސީތަކުގެ ދައުރާއި އެހީތެރިކަމުގެ މައްޗަށް ބައްލާވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާއި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.
I had the pleasure of meeting UN Secretary-General @antonioguterres today in Doha. We discussed strengthening the Maldives -UN partnership and redoubling our efforts to address pressing global issues especially in the areas of climate change, human rights and democracy. pic.twitter.com/kmDQplsKl4
— Ibrahim Mohamed Solih (@ibusolih) March 4, 2023
ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ވަޑައިގެންފައިވަނީ، 3 ޤައުމަކަށް ކުރައްވަމުންދާ ދަތުރުފޫޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުންނެވެ. ޤަޠަރުގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ.ގެ 5 ވަނަ ކޮންފަރެންސްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ފުރައިވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.
ޤަޠަރަށްފަހު ރައީސުލްޖުމްހޫރިއްޔާ ސާރބިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު ދެ ޤައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ޖަރުމަނުވިލާތަށް ވަޑައިގެން، އެ ޤައުމުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.